ޕީޕީއެމްގެ ރައީސް މައުމޫން އޮފީހަށް ކަޅުތެޔޮ ޖަހައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމުގެ އޮފީހުގެ ގޮތުގައި ހ. ތެމާގައި ހިންގާ އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.
ރައީސް މައުމޫންގެ ފެކްޝަންގެ އިސް ބޭފުޅަކު ވިދާޅުވީ މި އިމާރާތަށް ކަޅުތެޔޮ ޖެހީ މިއަދު ހެނދުނު 11:00 ޖަހަން އުޅެނިކޮށް ކަމަށެވެ.
"އަޅުގަނޑުމެން ދިޔައި ހެނދުނު 10:35 ހާއިރުވެސް އޮފީހަށް. އޭރަކު ނެތް އެތަނުގައި ކަޅުތެޔޮ ޖަހާފައި. އެކަމަކު 11:00 ޖަހަނިކޮށް އެނގުނީ މިކަން ކޮށްފިކަން،" މައުމޫން ފެކްޝަންގެ ބޭފުޅަކު ވިދާޅުވި އެވެ.
ތެމާއަށް ކަޅުޔެތޮ ޖަހާފައި މިވަނީ ޕީޕީއެމްގެ ހިންގުން ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ނެރެފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމާއި ގުޅިގެން ރައީސް ޔާމީނަށް ތާއީދުކުރާ ބަޔަކު ތެމާއަށް ވަދެ އެތަނުގައި ހުރި ހުރިހާ ތަކެއްޗެއް އެތަނުން ނެރެގެން ގެންގޮސްފައިވާ ވަގުތެއްގަ އެެވެ. އަދި އެ އޮފީހުގެ ފާރުތަކުގައި ރައީސް މައުމޫނަށް އަމާޒުކޮށް ހުތުރުބަހުން ބައެއް އިބާރާތްތައް ލިޔެފައިވާ ވަގުތެއްގަ އެވެެ.
ރައީސް ޔާމީނަށް ސަޕޯޓްކުރައްވާ ފަރާތްތަކުން ޕީޕީއެމްގެ ހަރަކާތްތައް ހިންގަނީ ދަރުބާރުގޭގަ އެވެ.
ޕީޕީއެމް ދެބައިވެ ދެ ފެކްޝަން އުފެދުނު ފަހުން އެއް ބަޔަކު އަނެއް ބަޔަކަށް މީޑިއާ މެދުވެރިކޮށް ގެންދަނީ ވަރުގަަދަ ބަހުގެ ހަމަލާތަކެއް ދެމުންނެވެ. އަދި ކޮންމެ ފެކްޝަނަކުން ވެސް ބުނަމުން ދަނީ އެބޭފުޅުން އެތިއްބެވީ އަސްލު ޕީޕީއެމްގައި ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ