ވަކިން ޖަމާއަތް ހަދައިގެން ހުކުރު ނަމާދުކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ވަކިން ޖަމާއަތް ހަދައިގެން އެއްވެސް ނަމާދެއް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ ފަރާތްތަކަށް އިންޒާރު ދެއްވައިފި އެވެ.
ހޯމް މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށްވާއިރު އެކަން ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ މީހުންނާއި މެދު ފިޔަވަޅު އެޅުމަކީ އެކަން ކުރާތަނަށް ގޮސް "ޝީލްޑް" ޖައްސައިގެން ހުއްޓުވުން ނޫން ކަމަށާއި މިނިސްޓްރީން ބޭނުންވަނީ އެކަން ކުރާ ފަރާތްތަކަށް ނަސޭހަތްދީ ދީނުގައި އެކަން އޮތް ގޮތް ބުނެދޭން ކަމަށް ވެސް އުމަރު ވިދާލުވި އެވެ.
ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރުން ހުއްޓުވުމަށް ބާރުގެ ބޭނުން ކުރާނީ އެކަން ހުއްޓުވުމަށް މަޝްވަރާކުރުމަށްފަހު ކަމަށާއި އެ މަސައްކަތް ކާމިޔާބުނުވުމުން ނޫނީ ބާރުގެ ބޭނުން ނުކުރާނެ ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
"އެކަން ކަން އެބަ ހިނގާ މިހާރު، އިސްލާމިކް މިނިސްޓްރީން ވަރަށް ހާއްސަ ޕްރޮގްރާމްތަކެއް ރާއްވަވައިގެން މިފަދަ ބައެއް ބޭފުޅުން ހާޒިރުކޮށް އެބޭފުޅުންނާއި ފޯނުންނާއި، ސީދާ ވަން ޓުވަން ވާހަކަ ދައްކައިގެން ދީނުގައި އެކަން އޮންނަ ގޮތް އޮޅުން ފިލުވައިދިނުމުގެ މަސައްކަތް އެބަކުރައްވާ، މިހުރިހާ މަސައްކަތެއް ފެއިލްވެއްޖެއްޔާ މެނުވީ އަޅުގަނޑުމެން ގާނޫނީ ބާރުގެ ބޭނުމެއް ނުކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.
މިހާތަނަށް ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުން އަންނަ ފަރާތްތަކާއި މަޝްވަރާކޮށްފައިވާއިރު އެ ފަރާތްތަކުން ދީނުގައި އޮންނަ މަގަށް ބަދަލުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
ދަރުމަވަންތަ މިސްކިތުގައި ވަކިން ހުކުރުގެ ޖަމާއަތެއް ހަދައި، އިސްލާމިކް މިނިސްޓްރީން ތައްޔާރުކުރާ ހުތުބާ ނޫން އެހެން ހުތުބާއެއް ކިޔަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު އެކަން ހުއްޓުވުމަށް ސަރުކާރުން މީގެކުރިން ވެސް މަސައްކަތްތަކެއްކުރި އެވެ.
އެގޮތުން ވަކިން ޖަމާއަތް ހަދައިގެން ހުކުރު ނަމާދު ކުރުން ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީން އަންގައިގެން ސިޓީ ކައުންސިލުން މި އަހަރުގެ ފެބްރުއަރީ މަހު ދަރުމަވަންތަ މިސްކިތް ބަންދުކުރި ނަމަވެސް ވަކިން ޖަމާއަތް ހަދައިގެން މިހާރުވެސް އަންނަނީ ނަމާދުކުރަމުންނެވެ.
ވަކިން ޖަމާއަތް ހަދައިގެން އެއްވެސް ނަމާދެއް ކޮށްގެން ނުވާނެ -އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ