ޗިލީ ކުޅުންތެރިއެއް ގައިގައި ޖެހުމުން ލެއާއޯއަށް ރަތެއް

ލިޒްބަން (ޖޫން 7) - ފީފާ ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ރޭ ޗިލީއާ ވާދަކޮށް 2-1 އިން ޕޯޗުގަލް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ރަފައެލް ލެއާއޯ، ޗިލީގެ ކުޅުންތެރިއެއް ގައިގައި ޖަހައިގެން އޭނާއަށް ރަތް ކާޑު ދައްކައިފި އެވެ.
ޗިލީގެ ޑިފެންޑަރު އިވާން ރޯމަން އަށް ލެއާއޯ ހަމަލާ ދިނީ، އެހެން ދެ ކުޅުންތެރިއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. މިއާ އެކު ރެފްރީ ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލެއާއޯ އާއި ރޯމަން އަށް ވެސް ރަތް ކާޑު ދައްކައިފަ އެވެ.
މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ސްޓާޓް ކޮށްފަ އެވެ. ނަމަވެސް ދެ ވަނަ ހާފަށް އޭނާ ބަދަލު ކުރި އެވެ. ދެ ވަނަ ހާފު ފެށިގެން 13 ވަނަ މިނިޓުގައި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ރޮނާލްޑޯގެ ބަދަލަށް ކުޅެން އެރި ގޮންސާލޯ ގުއެޑޭޒް އެވެ.
ޕޯޗުގަލްގެ ދެވަނަ ލަޑު 75 ވަނަ މިނިޓުގައި ޖެހީ ބްރޫނޯ ފެނާންޑޭޒް އެވެ. ޗިލީގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީޯ ލޫކަސް ކެޕޭޑާ އެވެ.
ފެނާންޑޭޒްގެ ގޯލަކީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 29 ވަނަ ގޯލެވެ. ޕޯޗުގަލްގެ ކުރީގެ ތަރި ނޫނޯ ގޮމޭޒް ވެސް ވަނީ 29 ގޯލު ޖަހައިފަ އެވެ. ދެ ކުޅުންތެރިންނަކީ މި ވަގުތު ޕޯޗުގަލް ގައުމީ ޓީމަށް ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުލުންތެރިންނެވެ.
ވޯލްޑް ކަޕްގައި ޕޯޗުގަލް ހިމެނެނީ ޑިމޮކްރެޓިކް ރިޕަބްލިކް ކޮންގޯ އާއި އުޒްބެކިސްތާޏް އަދި ކޮލަމްބިއާ އާއެކު ގުރޫޕް ކޭގަ އެވެ.
ރޮނާލްޑޯ އަންނަނީ އޭނާގެ ހަ ވަނަ ވޯލްޑް ކަޕް ކުޅެން ތައްޔާރު ވަމުންނެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ރެކޯޑް 227 މެޗުން ރެކޯޑް 143 ގޯލު ޖަހައިދީފަ އެވެ. މިހާތަނަށް 22 މެޗާ އެކު ރޮނާލްޑޯ ވެފައި ވަނީ ވޯލްޑް ކަޕްގައި ޕޯޗުގަލް އަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއަށެވެ.
ވޯލްޑް ކަޕްގެ ކުރިން ޕޯޗުގަލް އިން އިތުރު މެޗެއް ކުޅޭނެ އެވެ. އަންނަ ބުދަ ދުވަހު އެ މެޗު ކުޅޭނީ ނައިޖީރިއާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ