ޕީޕީއެމްގެ ކެންޑިޑޭޓު ވެރިކަމަށް އައުމުގައި ސޯޝަލް މީޑިޔާގެ ހިއްސާ ބޮޑު - މައުމޫން

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންތިޚާބު ކާމިޔާބު ކުރެއްވުމަށާއި، ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގައި ސޯޝަލް މީޑިޔާގެ ހިއްސާ ވަރަށް ބޮޑު ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގެ ވެރިކަން ކުރާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން ޕާޓީގެ އަހަރީ ޢާންމު ޖަލްސާގައި ތަޤްރީރު ކުރައްވަމުން، ރައީސް މައުމޫން ވިދާޅުވީ ދިވެހި ސިޔާސީ މުޖުތަމަޢަށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެގޮތުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި، މަޖިލީސް އިންތިޚާބުގެ %75 އާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އެކިއެކި މެދައިންތިޚާބުތަކުގައި ޕީޕީއެމްއިން ކާމިޔާބީ ހޯދާފައި ވަނީ އެކިއެކި ޑިޖިޓަލް އުކުޅުތައް ބޭނުން ކޮށްގެން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެގޮތުން، އިންތިޚާބުތަކުގެ ކެމްޕޭންތަކުގައި ސޯޝަލް މީޑިޔާގެ އެކިއެކި ބާވަތްތައް ބޭނުންކުރަމުން އަންނަ ކަމަށާއި، މިހާރުގެ ޒުވާނުންނަކީ އިޖްތިމާޢީ ވިއުގަތަކާ ގުޅި ލާމެހިފައިވާ ބަޔަކަށް ވީހިނދު މުޖުތަމަޢުން އަންނަނީ މިތަކެތީގެ ބޭނުން ފުރިހަމަގޮތުގައި ކުރަމުން އަންނަ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރު ހިންގުމުގައި ސޯޝަލް މީޑިޔާގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި، ސަރުކާރުގެ ކަންކަމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ކުރަން ފަސޭހަ ކަމެއް ކަމުން، ދާއިމީ ގޮތެއްގައި ސޯޝަލް މީޑިޔާ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި، ރައީސް މައުމޫން ވަނީ ޔޫއެމްއެންއޯ އިން ޕީޕީއެމްއަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައި، މެލޭޝިޔާގެ ފަރާތުން ސިޔާސީ، އިޖްތިމާޢީ، އިޤްތިސާދީ އަދި ތައުލީމީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ލިބޭނެކަމުގެ އުންމީދުކުރައްވާ ކަމަށް ފާހަގަ ކުރައްވާފައެވެ.
މެލޭޝިޔާގެ ވެރިކަން ކުރާ ޔޫއެމްއެންއޯ ޕާޓީގެ މިއަހަރުގެ އަހަރީ ކޮންފެރެންސްގައި 22 ޤައުމަކުން 150 މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ