ޔާމީނަށް ބަދަލުގެ ގޮތުގައި ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ކޯޓުން ހުކުމްކޮށްފި

ގާނޫނާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަންދުކުރި މައްސަލާގައި އޭނާ އަށް ބަދަލެއްގެ ގޮތުގައި 244031.25ރ. މޯލްޑިވްސް ޕޮލިސް ސާވިސް (ދައުލަތު) އިން ނަގައިދިނުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކޯޓާ ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.
ދައުލަތުގެ މައްޗަށް ޔާމީންގެ ފަރާތުން ކުރެއްވި ދައުވާގައި މަދަނީ ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ޤާޒީ އާއިޝާ ޝުޖޫން މުހައްމަދު ކުރެއްވި ހުކުމުގައި ވަނީ ޔާމީން ހައްޔަރުކޮށްފައި ވަނީ ގާނޫނުއަސާސީ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓަށް ކަނޑައަޅައިދެވޭނެ ގާނޫނީ އަދި ޝަރުއީ ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވާއިރު އެ ހުކުމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް އެ ހުކުމަށް ތަބާވާންޖެހޭކަން ސާފު ނައްސުން އެނގެން އެބަ އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
"މިހެންކަމުން 29 ޖޫން 2010 ދުވަހު ޔާމީން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބަލަންޖެހޭ،" ކޯޓުގެ ހުކުމުގައިވެ އެވެ.
ކޯޓުގެ ހުކުމުގައި ވަނީ ޤާނޫނާ ހިލާފަށް ޔާމީން ބަންދުކޮށްގެން ބެހެއްޓުމުގެ ސަބަބުން އޭނާ އަށް ލިބިފައިވާ މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 166515.55ރ. ނަގާދިނުމަށާއި ޤާނޫނާއި ހިލާފަށް ޔާމީން ބަންދުކުރި ގޮތާއި ހާލާތާއި އެކަމުގެ ސަބަބުން ޔާމީންނަށް ކުރިމަތިވެވަޑައިގެންނެވި ލަދުވެތިކަމާއި މީހުންގެ ކުރިމަތީގައި ޔާމީންގެ މަގާމަށް އައި ބަދަލަށް ބައްލަވައި އެގްރަވޭޓަޑް ޑެމޭޖަސްގެ ގޮތުގައި ޔާމީންނަށް 15،000 ރުފިޔާ ނަގައި ދިނުމަށް ކަނޑައަޅާ ކަމަށެވެ. އަދި ފުލުހުން ޔާމީން ހައްޔަރުކޮށްގެން 13 ދުވަހު ގެންގުޅުމުގައި އަމަލްކޮށްފައި ވަނީ އެކަށީގެންވާ މިންވަރަށް ވުރެ ހަރުކަށި އަދި ތުލްމުވެރި ގޮތެއްގައި ކަމަށް ކަނޑައަޅާ އެގްޒެމްޕްލިރީ ޑެމޭޖަސްގެ ގޮތުގައި ވެސް 41600 ރުފިޔާ ނަގައިދިނުމަށް ހުކުމް ކުރި އެވެ. އަދި އެ ދުވަސްވަރު ޔާމީން ދިރިއުޅުއްވި ގޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ޓަކައި ހަރަދުކޮށްފައިވާ 20915.70ރ. ނަގައިދިނުމަށް ވެސް ހުކުމްގައިވެ އެވެ.
ޔާމީނުގެ ރުހުމާއި ނުލައި ހިމާޔަތްދިނުމުގެ ނަމުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ޔާމީން ހައްޔަރުކޮށް އާރަށުގައި ސިފައިން ޔާމީން ގެންގުޅެފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެން އޭގެކުރިން ފުލުހުން ޔާމީން ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ހޯދައިދެއްވުމަށް އެދިވަޑައިގެން އެމައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 25 ގަ އެވެ.
ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ޔާމީނާ އެކު ގާސިމް އިބްރާހީމް ވެސް ފުލުހުން ހައްޔަރު ކުރި އެވެ.
މި މައްސަލަ އިސްތިއުނާފް ކުރުމާ މެދު ވަކި ގޮތެއް ކަނޑައަޅެމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި ބަންޑާރަ ނައިބު އޮފީހުން ވަނީ މިއަދު ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ