ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަށް ޖުމްހޫރީ ގުޅުމަށް ނުދެއްވިއްޖެނަމަ ތާއީދު ކުރައްވާނެ ކެންޑިޑޭޓަކު ނިންމާނީ ޖުމްހޫރީ ޕާޓީގެ ހިންގާ ކޮމެޓީން ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމަށް ދެވަނަ ބުރަށް ނުދެވިއްޖެނަމަ ދެން ތާއީދު ކުރައްވާނެ ކެންޑިޑޭޓަކު އެމަނިކުފާނު އަމިއްލަފުޅަށް ނުނިންމޭނެ ކަމަށާއި އެކަން ނިންމާނީ ޕާޓީގެ ހިންގާ ކޮމެޓީން ކަމަށެވެ.
"އަޅުގަނޑު އަމިއްލައަކަށް ނުނިންމޭނޭ. ޖުމްހޫރީ ޕާޓީންދާކަމަށް ވަންޏާ އެ ޕާޓީގެ، އަޅުގަނޑުމެންގެ ހިންގާ ކޮމެޓީން ނިންމަންޖެހޭ. ޖުމްހޫރީ ގުޅުމުގަ ކަމަށް ވަންޏާ އެ ގުޅުމުގެ ހުރިހާ ބޭފުޅުންވެސް އެއްބަސްވާގޮތަކަށް އަޅުގަނޑުމެނަށް ނިންމޭނީ. އަޅުގަނޑުގެ އަމިއްލަ ޑިޒިޝަނެއް ނޫނޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދެވަނަ ބުރުގައި ޖުމްހޫރީ ގުޅުމުގެ ފަރާތުން އެމްޑީޕީއަށް ތާއީދު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންގެންދާ ވާހަކައަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ކަމަށާއި އެކަމާ މެދު ގޮތެއް ނިންމާނީ ވަގުތު ޖެހުމުން ކަމަށެވެ. އަދި ވިދާޅުވީ ހާލަތު ބަދަލުވާގޮތުން ކޮންމެ ދިމާލަކަށް ވެސް ދާންޖެހިދާނެ ކަމަށެވެ.
އެމްޑީޕީއަށް ތާއީދުކުރަން ޖުމްހޫރީ ޕާޓީގެ ހިންގާ ކޮމެޓީން ނިންމަފާނެތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އެމްޑީޕީއަށް ތާއީދުކުރާނީތޯ ނުވަތަ ނޫންތޯ އަދި ޕީޕީއެމަށް ތާއީދު ކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ އެފަދަ ހާލަތެއް މެދުވެރިވުމުން ކަމަށެވެ.
"އެމްޑީޕީއަށް ދާން ނުވަތަ ނުދާން، ނުވަތަ ޕީޕީއެމަށް ދާން ނުދާން ގޮތެއް ކިޔާނީ، ނިންމާނީ އެ ހަލާތަކުގަ، އެ ސިޓުއޭޝަނުގައޭ. އެއްގޮތަކަށް ވެސް މިހާރަކު ވަކިގޮތަކަށް ބުނާކަށެއް ބޭނުމެއް ނުވޭ. އެ ހާލަތު އައިމައޭ،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލް ކުރުމުގެ ކުރިން ގާސިމް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެންޑިޑޭޓަކާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާ ގޮތް ކަމުނުގޮސްފި ނަމަ، ޕާޓީގައި ނުހުންނަވާނެ ކަމަށެވެ.
އެމްޑީޕީއަށް ތާއީދު ނުކުރައްވާނެ ކަމަށް ގާސިމް އިބްރާހީމް ކަނޑައެޅިގެން ވިދާޅުނުވި ނަމަވެސް ތަފާތު އެކި ރަސްމިއްޔާތުތަކުގައި ގާސިމް ވަނީ މީގެކުރިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައާ ގުޅިގެން ވެސް ގާސިމް ވަނީ އެކަން ކުށްވެރި ކުރައްވައި މީގެކުރިން ވާހަކަދައްކަވާފަ އެވެ.
ޓުވަރިޒަމް ބޮއިކޮޓް ކުރުމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ގޮވާލަމުންދާތީ އެކަމަށް ފާޑުވިދާޅުވެ ގާސިމް މީގެކުރިން ވާހަކަދައްކަވާފައި ވެއެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީއަށް ތާއީދު ކުރާ ބަޔަކު ރާއްޖޭގެ އެކި ތަންތަނުގައި ހުޅުޖެހި ކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ގާސިމް ވާހަކަދައްކަވާފައި ވެއެވެ.
ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދާ ގުޅިވަޑައިގެން އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަކީ ކުރެވުނު ކުށެއް ކަމަށް ވިދާޅުވެ ގާސިމް ވަނީ މީގެ ކުރިން ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ.
ދެވަނަ ބުރަށް ނުގޮސްފިނަމަ ތާއީދުކުރާނެ ކެންޑިޑޭޓަކު ނިންމާނީ ޕާޓީން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ