ޖުމުހޫރީ ޕާޓީ (ޖޭޕީ) އާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރާނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދޭން ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މާމިގިލީ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައިވާ ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ޓިކެޓްގައި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި މެމްބަރުން މަޖިލީހުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުމަށާއި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންނާއިއެކު ތަޖުރިބާ ހިއްސާކުރުމުގެ ގޮތުން ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި އޮރިއެންޓޭޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕާޓީގެ ޕީޖީ ގްރޫޕާ މުހާތަބު ކުރަވާ ގާސިމް ވިދާޅުވީ، ކޮންމެ މެމްބަރަކުވެސް މަޖިލީހުގައި ކުރައްވާނެ އިސް މަސައްކަތަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދޭން ކުރަންޖެހޭ ކަންކަން ކުރުން ކަމަށް ހައްދަވަން ޖެހޭނެ ކަމަށާއި ވަކިބަޔަކު ބޮޑު ކުރަން އަދި ވަކި ޕާޓީއެއް ބޮޑު ކުރުމުގެ ވިސްނުގައި މަސައްކަތްކުރާނަމަ އޭގެ ސަބަބުން ހައްގުތައް ގެއްލި ތަރައްގީ ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލިސް ފަށާއިރު ދައުލަތަށް އާމްދަނީ ހޯދާށާއި އިގްތިސޯދު ހަރުދަނާކުރުމުގައި އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކެއް ވެސް އެބަހުރި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ރައްޔިތުންގެ ހައްގުތައް އެއީ ފުރަތަމަ ކަމަކަށް ބަލައިގެން. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ މުޅި ގައުމުގެ ފައިދާއާއި މަންފާއަށް ބަލައިގެން ވަކިމީހަކު ނުވަތަ ވަކިޕާޓީއެއް ބޮޑުކުރުމުގެ ވިސްނުމުގައެއްނޫން،" ގާސިމް ވިދާޅުވިއެވެ.
މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މިބައްދަލުވުމުގައި ސަރުކާރުގެ ވުޒާރާތަކުގައި ތިއްބެވި ޖޭޕީއަށް ނިސްބަތްވެ ވަޑައިގަންވާ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެން އޮރިއެންޓޭޝަންގައި މައުލޫމާތު ދެއްވި އެވެ.
މަޖިލީހުގައި ޖޭޕީ އޮންނާނީ ޕާޓީ ބޮޑު ކުރުމުގެ ވިސްނުމަކު ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ