އިޒްރޭލަށް އިހުތިރާމް އޮތީ ފަލަސްތީނަށް ސުލްހަ ލިބިގެން: އަބްދުﷲ ރަސްގެފާނު

އައްމާން (10 އޮގަސްޓް 2014) – އިޒްރޭލަށް ސުލްހަ ލިބޭނީ ފަލަސްތީނަށް ސުލްހަ ލިބި، މިނިވަން ދައުލަތެއް ގާއިމްކޮށްގެން ކަމަށް ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަލް ޣަދް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރަސްގެފާނު އަބްދުﷲ ވަނީ ގާޒާ ގަތުލުއާންމުގެ ޒިންމާ ނަގަންޖެހޭނީ އިޒްރޭލުން ކަމަށާއި އަދި އިޒްރޭލުގެ "ޕްރޮޓެކްޓިވް އެޖް" އޮޕަރޭޝަނަކީ ގަތުލުއާންމެއް ކަމަށް ސިފަ ކުރައްވާފަ އެވެ. އަދި ފަލަސްތީނަށް މިނިވަން ދައުލަތެއް ގާއިމްވެ، އިޒްރޭލުގެ ހަމަލާތައް ދިނުން ހުއްޓާލުމުން މެނުވީ ދުނިޔޭގެ އިހްތިރާމް އިޒްރޭލަށް ނުލިބޭނެ ކަމަށް ވެސް އަބްދުﷲ ރަސްގެފާނު ވަނީ ވިދާޅުވި އެވެ.
އަބްދުﷲ ރަސްގެފާނު މިހެން ވިދާޅުވެފައިވާ އިރު، މިސުރުގެ ގާހިރާގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަމުންދެ އެވެ.
އިޒްރޭލުން މިދިޔަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ފަލަސްތީންގެ ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1940 މީހަކު މަރާލާފައިވެ އެވެ. މިހަމަލާތަކުގައި މަރުވެފައިވާ އިޒްރޭލު މީހުންގެ އަދަދަކީ 67 މީހުންނެވެ. މަރުވި ގިނަ މީހުންނަކީ ސިފައިންނެވެ. އެގޮތުން އިޒްރޭލުގެ 64 ސިފައިން މި ހަމަލާތަކުގައި މިހާތަނަށް މަރުވެފައިވެ އެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާގެ އަސާސީ ހިދުމަތްތައް ކަމުގައިވާ ފެނާއި ކަރަންޓާއި އަދި ސިއްހީ ހިދުމަތް ފޯރުކޮށްދޭން ތަންތަނަށް ހަމަލާދީ އެތަންތަން ވަނީ ސުންނާފަތިކޮށްލާފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ