ދައުރު ފުރިހަަމަނުކުރާނެ ވެރިއަކު ބޭނުމެއް ނެތް: މައުމޫން

ރައްޔިތުން މިއަދު ބޭނުންވަނީ ކަމެއް ދިމާވާ އިރަށް އިންތިހާބުކުރި ޓާމް ހަމަނުކޮށް މަގާމުން އިސްތިއުފާ ދެއްވާފައި ފިލާނެ ފަރާތްތައް ނޫންކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕްރޮގުރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންނާއެކު ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖެއަށް މިއަދު ހަމަޖެހުން ބޭނުންވާ ކަމަށާ އެ ހަަމަޖެހުން ގެނެވި ގައުމުގެ އިގްތިސޯދީ ދުވެލި ހަލުއިވެ ރައްޔިތުން އުފާފާގަތިކަމުގައިވާނީ ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތު ސަރުކާރު ކޯލިޝަނަށް ލިބިގެން ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުރުގެ މެދުތެރެއިން އިސްތިއުފާދެއްވި ދެއްވުމަށް އިޝާރާތްކުރައްވާ މައުމޫން ވިދާޅުވީ އެފަދަ ބޭފުޅުން ރައްޔިތުން ބޭނުން ނުވާ ކަމަށާ ކަމެއް ދިމާވާ އިރަށް އިސްތިއުފާ ދެއްވާ ވެރިއަކު ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން މިއަދު ރައީސް ޔާމީން އެފަދަކަމެއް ނުކުރައްވާނެކަން. އެއަށްވުރެ މާ ހިތްވަރު ގަދަވާނެ. މިއަދު އެބަޖެހޭ ދެއްތޯ ގައުމު ހަމަޖެހެން." މައުމޫން ވިދާޅުވިއެވެ.
ނަޝީދުގެ ވެރިކަމުގައި ކުރިމަތިވެވަޑައިގެން ކަންކަމަށްވުރެ މާ ނުރައްކާތެރި ކަންކަން އެމަނިކުފާނުގެ ވެރިކަމުގައި ކުރިމަތިވެވަޑައިގަތް ކަމަށާ ނަމަވެސް އިސްތިއުފާދެއްވާފައި އެމަނިކްފާނު ވެސް އަދި ވަޒީރަކުވެސް ވަޑައިގެންފައިނުވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫންގެ ވެރިކަމުގައި 1988 ވަނަ އަހަރު ތަމަޅައިގެން ބަޔަކު ރާއްޖެ އަރައި 19 ދިވެހިން ޝަހީދުކޮށް ވެރިކަން ބަދަލުކޮށްލުމަށް ހިންގި ބަޣާވާތަށް އިޝާރާތްކުރައްވާ ވިދާޅުވީ އެފަދަ ކޮންމެ ހާލަތެއްގައިވެސް ރައްޔިތުންނާ ގައުމުގެ ހައްޤުގައި މަަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ
"ތަމަޅައިން އަރާ ދިވެހި ރައްޔިތުންނާއި ސިފައިން ކަތިލަމުންދިޔައިރު އޭރުގެ ވެރިން ތިއްބެވިއޭ ސާބިތުކަންމަތީ. އެއްވެސް ބޭފުޅަކު ފަސްޖެހިވަޑައިނުގަންނަވާ." މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސް ނަޝީދުގެ މާޒީވެދިޔަ، ވެރިކަން ދިވެހި ރައްޔިތުން ދެން ތަކްރާރު ކުރުމަށް ބޭނުން ނުވާ ކަމަށާ އެކަމަށް ފުރުސަތު ވެސް ނުދޭނެ ކަމަށެވެ. އެފަދަ ދުވަހެއް ދެންވެސް ފެނިއްޖެނަމަ ކޯޓްތަކުގައި ތަޅުއަޅުވާ، ގާޒީން ރަހީނުކޮށް، ސިޔާސީ ލީޑަރުން ހައްޔަރުކޮށް އެތަށް ކަމެއް ހިންގާނެ ކަމަށާ އެކަންކަމަކީ ނަޝީދު އޭނަގެ ވެރިކަމުގައި ހިންގާފައިވާ ޤާނޫނާއި ޚިލާފް ބޮޑެތި ކުށްތައް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މައުމޫން ވަނީ ކޯލިޝަންއަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރަމުން ގެންދާތީ ގައުމާމެދު ވިސްނާ އެންމެ ފަހު ވަގުތު ނަމަވެސް ނަން އަނބުރާ ގެންގޮސް ކޯލިޝަންގެ ކެންޑިޑޭޓަށް ތާޢިދުކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ، އެކަން އެގޮތަށް ނުކޮށްފިނަމަ ގައުމާއި، ދިވެހި ސަރުކާރަށް އެދެވުނީ ވަރަށް ބޮޑު ނިކަމެތި ކަމެއްކަމަށާ އެކަމުގެ ހިތްދަތިކަން ރައްޔިތުންނަށް ލިބިގެން ދިއުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ