ދުވާލެއްގެ މައްޗަށް ކޭސްތައް އިތުރުވާ ނަމަ އެއީ ކަންބޮޑުވާން ޖެހޭ ރޭޓެއް: ޑރ.އަފްޒަލް

ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު އިތުރުވާ ނަމަ އެއީ ކަންބޮޑުވާން ޖެހޭ ރޭޓެއް ކަމަށް ޑޮކްޓަރު ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޒަލް ވިދާޅުވީ މާލެ އިން މިހާރު ފެންނަމުން ދަނީ ކުރިން ޓްރޭސް ނުވެ ހުރި ކޭސްތައް ކަމަށާއި މިއީ ބެކްލޮޖް (ކުރިން ބަލި ނުފެނި ހުރި) ކޭސްތައް ކަމަށެވެ.
މިވަގުތުވެސް ފުރަބަންދުގެ އުސޫލަށް ތަބާވެ ގައިދުރުކޮށްފި ނަމަ، މުޅިން އާ ކޭސްތަކެއް ފެނުމަކީ ނާދިރު ކަމެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ މުއްދަތުގައި މިހާރު ދެނެ ނުގަނެވި ހުރި ކޭސްތައް ދެނެގަނެވޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މިހާރު ފެންނަ ކޭސްތައް ފެންނަނީ ބަލީގެ ކުރީކޮޅު ކަމަށާއި ބަލި ފެތުރޭ މިންވަރު ނުރައްކާވާ މިންވަރަށް ނުދާނެ ގޮތެއް ހޯދުން މުހިންމު ކަމަށް އަފްޒަލް ވިދާޅުވިއެވެ.
އަދި ކަންބޮޑުވާ ހާލަތަކަށް ސްޓޭޓަސް ބަދަލުވާނީ ޑަބަލް އިންފެކްޓުވާން ފަށާ ހިސާބުން ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.
ޑަބަލް އިފެކްޓްގެ ހާލަތެއް އަދި ނެތް ނަމަވެސް، ރާއްޖެ ސްޓޭބަލް ހާލަތަކަށް ގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އަފްޒަލް ފާހަގަކުރެއްވިއެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 35 އަށް އަރާފައިވާ އިރު، މާލެ އިން އެކަނިވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 15 އަށް އަރާފައެވެ. މާލެ އިން މި ބަލި ޖެހުނީ 14 ދިވެއްސަކާއި ބަންގްލަދޭޝްގެ ފިރިހެނެކަށެވެ. މި ބަލި ގިނަ އިން ޖެހިފައި ހުރީ އަންހެނުންނަށެވެ.
އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހަތް މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ.
އަފްޒަލް ވިދާޅުވީ ފުރަތަމަ ދުވަސްވަރު ކޭސްތައް ފެންނަ މިންވަރު އިތުރުވާނެ ކަމަށެވެ.
މިވަގުތު ހުރިހާ އެންމެން ވެސް ކެތްތެރިވެ ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދު އަޑު އެހުމަށްއަފްޒަލް ވަނީ އިލްތިމާސްކުރައްވާފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ