ޝެއިޚް އަހުމަދަށް މާޔަން ކުރި ތުހުމަތުގެ މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓުން ބަލަން ފަށައިފި
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އިންތިހާބަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުކުރައްވައި، އެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރާއްޖޭގެ މަރިޔަމް މުހައްމަދު (މާޔަން) ހުށަހެޅި މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ކޯޓް އޮފް އާބިޓްރޭޝަން (ކާސް)އިން ބަލަން ފަށައިފި އެވެ. ރިޝްވަތުގެ ތުހުމަތުކުރެވުމުން ފީފާގެ ކައުންސިލް މެމްބަރުކަމުން 2017 ވަނަ އަހަރު އިސްތިއުފާ ދެއްވި އޭޝިއާގެ ކުޅިވަރުގެ އެންމެ ނުފޫޒު އެކަކު ކަމަށްވާ ޝެއިޚް އަހުމަދު ދެކޮޅަށް މާޔަން ހުށަހެޅުއްވި މައްސަލަ ފީފާގެ އިލެކްޓޯރަލް ކޮމިޓީން ތަހުގީގުކުރުމަށް އެތިކްސް ކޮމިޓީއަށް ފޮނުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. މާޔަން ތުހުމަތުކުރައްވަނީ އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ސައުތު ޒޯންގެ ގޮނޑި އޭނާއާ ވާދަކުރެއްވި ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަންއަށް ކާމިޔާބުކޮށްދެއްވަން ޝެއިޚް އަހުމަދު ނުރަނގަޅު ނުފޫޒު ބޭނުންކުރެއްވި ކަމަށެވެ. އޭޝިއާގެ އޮލިމްޕިކް ކައުންސިލްގެ ރައީސް، ކުވައިތުގެ ޝައިހް އަހްމަދު އަލް ފަހްދު އަލް އަހްމަދު އަލް ސަބާހް އެކަމަކު ޝެއިޚް އަހުމަދު ވަނީ މީގެ ކުރިން އެ ތުހުމަތުތަކަށް ދެކޮޅު ހައްދަވާ އެއްވެސް ނުފޫޒެއް ބޭނުންކޮށްގެން ވަކި މީހަކަށް ގޮނޑި ހޯދައިދިނުމަށް މަސައްކަތް ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ. މި މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ކޯޓް އޮފް އާބިޓްރޭޝަން (ކާސް)އިން ބަލަން ފަށާފައިވާ އިރު މިކަމަށް ގޮތެއް ނިންމަން އަދިވެސް ވަގުތު ނަގާނެކަމަށް ފީފާއިން ވަނީ ބުނެފަ އެވެ. މަހްފޫޒާ އަހްތަރުގެ ކުރިން، ފީފާގެ ކައުންސިލްގައި އޭއެފްސީ އަންހެން މެންބަރުގެ ގޮނޑި ތަމްސީލު ކުރެއްވީ އޮސްޓްރޭލިއާގެ މާޔާ ޑޮޑް އެވެ. 2015 ވަނަ އަހަރުގެ އިންތިހާބުގައި އޭނާ ކަޓުވާލުމަށް ފަހު މަހްފޫޒާ އަހްތަރު ހޮވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެއީ އޭރު މަހްފޫޒާ އަހްތަރަކީ ގިނަ ބަޔަކަށް ނޭންގޭ މީހެއް ކަމަށް ވެފައި އޭނާ އިންތިހާބު ކާމިޔާބު ކުރުމުންނެވެ. ފަހަުން ތުހުމަތު ކުރެވުނު ގޮތުގައި މަހްފޫޒާ އަހްތަރު މަގާމަށް ގެނައުމުގައި ނުސީދާ ގޮތުން ނާޖާއިޒް ކަންތައްތަކެއް ހިނގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ