ދެވަނަ ހެލިކޮޕްޓަރެއް ގެނައީ ޑޯނިއާ ފްލައިޓެއް ގެނައުމުން އަނބުރާ ގެންދާގޮތަށް: އުމަރު

އިންޑިއާގެ ފަރާތުން ދެވަނަ ހެލިކޮޕްޓަރެއް ހޯދާފައިވަނީ ޑޯނިއާ ފްލައިޓެއް ގެނައުމުން އަނބުރާ ގެންދާގޮތަށްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިފަދައިން ވިދާޅުވީ ރޭ ދިވެހި ޗެނަލުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާއިން ދެވަނަ ހެލިކޮޕްޓަރެއް ގެނެވުނު ކަމަށެވެ. އަދި އެ ގެނައުމުން ކުރެވުނު ޝަރުތަކީ ޑޯނިއާ މަތިންދާބޯޓެއް ގެނައުމުން، އެ ހެލިކޮޕްޓަރު އަނބުރާ ގެންދިއުންކަމަށް ފާހަގަކުރެއްވިއެވެ.
އެބޭފުޅާ ވިދާޅުވީ މިގޮތަށް އަމަލުކުރަން ނިންމުމުގެ ހިކުމަތަކީ ޑޯނިއާއަކީ ދިވެހިންނަށް ދުއްވަން އެނގޭ އެއްޗަކަށްވުމުން، ދިވެހި ސިފައިންނަށް ހެލިކޮޕްޓަރު ދުއްވަން ނޭނގިގެން އިންޑިޔާ ސިފައިން ތިބެންޖެހޭ ތިބުމަށް ނިމުމެއް އައުމެވެ. އެހެން ނަމަވެސް، ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ޑޯނިއާ މަތިންދާބޯޓެއް ގެނެސް އެ ދުއްވަން އިންޑިއާ ސިފައިން ގެންނަން މަސައްކަތްކުރިކަމަށް އުމަރު ވިދާޅުވިއެވެ. އަދި ހެލިކޮޕްޓަރު ދުއްވަން ތިބި ސިފައިން އަނބުރާ ގެންދިއުމަށް އިންކާރުކުރިކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެފަދަ ކުޑަ ގައުމެއްގެ މިނިވަންކަމަށް ގޮންޖަހާލެވޭނެފަދަ ގޮތަކަށް އިންޑިއާފަދަ ބޮޑު ގައުމެއްގެ ސިފައިން ބޭތިއްބުމަކީ ވެގެންވާނެ ކަމެއް ނޫންކަމަށެވެ. އެބޭފުޅާ ވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުން ނިމުމަކަށް ގެންނަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ