ކޮވިޑްގެ ފަރުވާ އަށް ފަހު މައުމޫން ދޫކޮށްލައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ދޫކޮށްލައިފި އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަރުވާއަށް ފަހު މިހާރު ހުންނެވީ ގެކޮޅުގައި ކަމަށެވެ. އުމުރުފުޅުން 82 އަހަރުގެ މައުމޫން ކޮވިޑުގެ ފަރުވާ އަށް އެޑްމިޓްކުރީ މިދިޔަ މަހުގެ 25ގަ އެވެ.
އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ، ހުމުގެ އާލާސްކަންފުޅެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ހެއްދެވި ޓެސްޓުންނެވެ. އޭރު ވެސް އަދި ފަހުން ވެސް އެމަނިކުފާނުގެ ހަށިކޮޅުގައި ބަލީގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
މައުމޫން ޕޮޒިޓިވްވުމާ އެކު އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ޓެސްޓް ކުރެއްވި އެވެ. އެކަމަކު ނަސްރީނާ އާއި އާއިލާގެ އެހެން ބޭފުޅަކު ވެސް ބައްޔަށް ޕޮޒިޓިވެއް ނުވެ އެވެ.
ހޮސްޕިޓަލްގައި އޮންނެވި އިރު، ޓުވީޓްކުރައްވައި އެމަނިކުފާނުގެ ހާލުކޮޅު އޮޅުންފިލުވައިދީ، އެކި ވާހަކަތައް އާއްމުންނާ ހިއްސާކުރެއްވި އެވެ. އެ މަނިކުފާނުގެ އާލާސްކަންފުޅާ ގުޅުވައި ފާޅުކުރެއްވި ހަމްދަރުދީގެ މެސެޖްތަކުގެ ތެރެއިން ނުބައިކޮށް ހީކުރެވުނު ކަންކަން ވެސް އޮޅުންފިލުއްވައި ދެއްވި އެވެ.
ގިނަ ބަޔަކަށް ކަމުދިޔަ އެއް ޓުވީޓަކީ އެޑްމިޓްކުރެއްވިއިރު، ތުރުކުރައްވައިގެން އޮންނެވި ޕިޖާމާއާ ގުޅޭ ގޮތުން މައުމޫން ކުރެއްވި ޓުވީޓެވެ. އެމަނިކުފާނު ތުރުކުރެއްވި ނޫ ކުލައިގެ މާ ޖެހި ޕިޖާމާއަކީ އަނބިކަނބަލުން ނަސްރީނާގެ ޕިޖާމާއެއް ކަމަށް ގިނަ ޓުވީޓްތަކެއް ހުއްޓެވެ.
އެކަމަކު މައުމޫން ވިދާޅުވި ގޮތުގައި އެއީ އެމަނިކުފާނުގެ ޕިޖާމާއެކެވެ. ފަހުން އެމަނިކުފާނު ވަނީ ނަސްރީނާ އަށް ގުޅުއްވައި އުފާވެރިކަމާ އެކު ވާހަކަ ދައްކަވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓްކުރައްވައި ހިތްޕުޅުގައި އޮތް ލޯބި ހާމަކުރައްވައިފަ އެވެ. ދެން ވިދާޅުވީ "އުއްމީދަކީ އެންމެންނާ ވެސް ވަރަށް އަވަހަށް ބައްދަލުވުން" ކަމަށެވެ.
ދަރުމަވަންތައިގައި އޮންނެވިއިރު، ހޮސްޕިޓަލުގެ މުވައްޒަފުން އެމަނިކުފާނު ވަރަށް ރަނގަޅަށް ބަލަހައްޓަވަމުން އަންނަ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ