މާސްކު ނާޅައިގެން 400 މީހަކު ޖޫރިމަނާކޮށްފި

މާލެ ސަރަހައްދުގައި އާއްމު ތަންތަނުގައި އުޅޭއިރު މާސްކު އަޅަން އަންގާފައިވާ އެންގުމާ ހިލާފުވެގެން މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ މާސްކު ނާޅައިގެން 94 ފަރާތަކަށް ނަސޭހަތް ދެވި، 41 މީހަކު ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް މާސްކު ނާޅައި އުޅުމުން ޖޫރިމަނާ ކުރި މީހުންގެ އަދަދު 475 އަށް އަރާފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.
މީގެއިތުރުން ފާއިތުވި 24 ގަޑިއިރުތެރޭ ކާފިއުގެ ވަގުތުގައި ގައިޑްލައިނާ ހިލާފުވި 80 ފަރާތެއް ޖޫރިމަނާ ކޮށްފައިވާއިރު 120 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ. މި ގަޑީގައި ބޭރުގައި އުޅެގެން މިހާތަނަށް ޖުމްލަ 311 މީހުން ޖޫރިމަނާ ކުރެވިފައިވާ ކަމަށްވެސް އެޗްއީއޯސީން މައުލޫމާތު ދެއެވެ.
މާލެ ސަރަހައްދުގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މާސްކު ނާޅައި އުޅޭ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ފަށާފައެވެ.
މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވާއިރު، އެޗްޕީއޭ އިން ބުނީ އާންމު ތަންތަނުގައި މާސްކު އަޅާއިރު އަނގައާއި ނޭފަތް އަދި ދަތްދޮޅި ނިވާވާން ވާނެ ކަމަށެވެ.
ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ