ދެމަފިރިން އެއްކުރި ފައިސާ ފަގީރުންނަށް ކާންދީ ހުސްކޮށްލައިފި

އިންޑިޔާގެ މުމްބައިގައި ދިރިއުޅޭ މުސްލިމް ދެމަފިރިން ކަމަށްވާ މިޒްގާ ޝެއިޚް އާއި ފިރިމީހާ ފައްޔާޒް އަމިއްލަ ވަޒަނަށް ހޯދުމުގެ ބޭނުމުގައި ފައިސާ އެއްކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ނިކަމެތި ފަގީރުން ބަނޑުހައިހޫނުކަމުގައި ތިބި ތަން ފެނިފައި މި ދެމަފިރިންނަކަށް އެ މަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ.
ދެމަފިރިން އުމުރު ދުވަހުން އެއްކޮށްފައިހުރި 4.5 ލައްކަ ރުޕީސް މިހާރު ވަނީ ފަގީރުންނަށް ކާނާ ފޯރުކޮށްދީދީ މުޅިން ހުސްވެފަ އެވެ. ދުވާލަކު އެއްއިރު ކޮއްތު ވެސް ނުލިބި ބަނޑުހައި ހޫނުކަމުގައި ތިބި 1500 އަށް ވުރެ ގިނަ މީހުންނަށް މި ދެމަފިރިން ވަނީ ކާ އެއްޗެތި ފޯރުކޮށްދީފަ އެވެ.
މި ދެމަފިރިންނަކީ ޒީލް އިންގްލިޝް ސްކޫލްގެ ނަމުގައި މުމްބައިގެ ފަގީރު ހިސާބުގަނޑެއްގައި ތައުލީމުދޭ ސެންޓަރެއް ހިންގާ ދެމަފިރިންނެވެ.
އެ ސްކޫލަށް ކިޔަވަން އަންނަ ކުދިން އެކުދިންގެ ޕްރިންސިޕަލް މިޒްގާ ކައިރީގައި ސްކޫލް ފީ ދެއްކެން ނެތް ވާހަކަ ބުނުމުން މިޒްގާ ވަނީ އެކުދިންގެ ފީ ވެސް ތިން މަސް ދުވަހަށް މާފު ކޮށްދީފަ އެވެ. ކުދިންނާ އިތުރަށް ވާހަކަ ދައްކާލުމުން އެ ކުދިންގެ މައިންބަފައިންނަށް އެކުދިންނަށް ކާންބޯން ދޭނެ މިންވަރަށް ވެސް ފައިސާ ނުލިބޭކަން އެނގުނެވެ. އެހެންވެ ފިރިމީހާ އާއި ވާހަކަ ދައްކައިގެން ކާން ބޯން ބޭނުންވާ ސާމާނު ގަނެ ބެހުމުގެ މަސައްކަތް މިޒްގާ ފެށީ އެވެ.
އެގޮތުން ކާ އެއްޗެތި ތައްޔާރުކުރަން ބޭނުންވާ އެއްޗެތި މި ދެމަފިރިން ބަހާތާ މިހާރު ހަތަރު ވަރަކަށް މަސް ދުވަސް ވެއްޖެ އެވެ. އަދި ދެމަފިރިން އެއްކުރި ހުރިހާ ފައިސާއެއް މިކަމުގައި ގޮސް ހުސްވެއްޖެ އެވެ. މިއީ ގެއެއް ގަތުމަށް އެއްކުރި ފައިސާ ނަމަވެސް ނިކަމެތިންގެ ބަނޑުފުރާނަ މުއްތިކޮށްދިނުމުގައި މި ފައިސާއިން އެހީތެރިކަން ފޯރުކޮށްދެވުނީތި އެ ދެމަފިރިން ތިބީ އުފަލުންނެވެ. ފައިސާ ހުސްވުމަކުން އެމީހުންގެ އެއްވެސް ޝަކުވާއެއް ނެތެވެ.
މި ދެމަފިރިންގެ މަސައްކަތުގައި އެމީހުންގެ ބައެއް އެކުވެރިން ވެސް އެހީތެރިކަން ފޯރުކޮށްދީ ފައިސާގެ އެހީތައް ވެދެމުންދާކަމަށް އެމީހުން ފާހަގަ ކުރެ އެވެ. އަދި އިންޑިޔާގެ މަޝްހޫރު އިންޑަސްޓްރިއަލިސްޓް އާނަންދު މެހެންދުރަ އަށް ވެސް މި ދެމަފިރިންގެ މަސައްކަތުގެ ޚަބަރު ލިބި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ.
"މި އިންސާނުންނަށްޓަކައި ފަޚުރުވެރިވަން. ﷲ ތިޔަ ދެމަފިރިންނަށް އުންމީދު ކުރި ވަރަށް ވުރެ ބޮޑު ގެއެއް ދެއްވާނެކަމަށް އުންމީދު ކުރަން. ލޯބިލޯބި ދެމަފިރިންނަށް ވަރަށް ހެޔޮއެދުން ފޮނުވަން،" އާނަންދު މެހެންދުރަ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓަކުން ކޮށްފައިވާ މެސެޖެއްގައި ވެއެވެ.
މި ދެމަފިރިންގެ އަޒުމަކަށްވީ އެއްވެސް މީހަކު ބަނޑުހައިހޫނުކަމުގައި ނިދަން ނުޖެހުމެވެ. އެމީހުންގެ ހުރިހާ ފައިސާއެއް ހޭދަކޮށް އެކަން އެމީހުން ޔަގީން ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ