ސިނގިރޭޓުގެ އަގު ބޮޑުވެގެން ޝަކުވާ ކުރާ މީހުންނަށް މަހްލޫފްގެ ދެއްވީ ނަސޭހަތެއް

ސިނގިރޭޓުގެ އަގު އުފުލުމާ ގުޅިގެން ނުރުހުން ފާޅުކުރަމުން އަންނަ މީހުންނަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ނަސޭހަތެއް ދެއްވައިފިއެވެ.
މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިނގިރޭޓަށް ކުރަން ޖެހޭ ހޭދަ ބޮޑުވެގެން މިއަދު ހިތްހަމަނުޖެހިދާނެ ކަމަށެވެ.
އެކަމަކު، މާދަމާ ތިމާ ދުންފަތާ ދުރުހެލިވެ އެތައް ހާސް ފައިސާއެއް ސަލާމަތް ކުރެވި އަދި ސިއްހީ ގޮތުން ދުޅަހެޔޮކަންމަތީ ހުރުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. މަހްލޫފް އެގޮތަށް ޓުވީޓު ކުރެއްވީ "ހުއްޓާލާ"، "މަދުކުރޭ" މި ހޭޝް ޓެގާއެކުގައެވެ.
ސިނގިރޭޓުގެ އަގު ބޮޑު ކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަކީ މި ސަރުކާރުގެ ދުޅަހެޔޮ، ހަށިހެޔޮ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ސިނގިރޭޓު ބުއިން ހުއްޓުވުމަށް ސަރުކާރުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން މީހުން އެއްވާ ގިނަ ތަންތަނުގައި ސިނގިރޭޓް ބުއިން މަނާކުރުމުގެ އިތުރުން، ފޮށީގެ ބޭރުގައި އިންނަ އިންޒާރުގެ މެސެޖާއި އެކު އިންޒާރުގެ ފޮޓޯއެއް ޖެހުން ހިމެނެއެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ގެނައި އިސްލާހަށް އަމަލުކުރަން ފެށުމުން ފިހާރަތަކުން ވިއްކާ ސިނގިރޭޓުގެ އަގު ބޮޑުވާނެއެވެ. އެގޮތުން އެންމެ އަގުހެޔޮ ވައްތަރުގެ ސިނގިރޭޓު ފޮއްޓެއް ވެސް ލިބޭނީ 85 ރުފިޔާއަށެވެ.
އާއްމު ގޮތެއްގައި ދިވެހިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ވައްތަރުގެ ސިނގިރޭޓު ފޮއްޓެއް ލިބޭނީ މިއަދުން ފެށިގެން 95 ރުފިޔާއަށެވެ. ބައެއް ވައްތަރުގެ ސިނގިރޭޓު ފޮއްޓެއްގެ އަގު އުޅެނީ 100 ރުފިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ