ދެކުނުގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު 7 މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ހަ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި 7 މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން މިހާރު ފަށާފައިވާ ކަމަށެވެ.
މި މަހުގެ 24 ވަނަ ދުވަހު ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު އެ ރަށު ވަލުތެރޭގައި ބަނގުރާ ބޭނުންކުރަންތިބި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އެ މީހުން ތިބި ސަރަހައްދު ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ފުޅި (5ލ) ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 29 އަހަރާއި 31 އަހަރާއި އަދި 41 އަހަރުގެ ދިވެހި ތިން ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫން ހުޅުމީދުއަށްދާ ފެރީއަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 24 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާކަމަށާއި ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށެވެ. ހުޅުމީދީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ފެރީގައި ހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ގައްދޫގައިވެސް އޮޕަރޭޝަނެއް ހިންގާފައިވާކަމަށާއި ގައްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅު ފެނިފައިވާކަމަށާއ،ި ނަމަވެސް މިމަހުގެ 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ދަޅެއް ފެނިފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އައްޑޫ ސިޓީ ފޭދޫގައި ސެޕްޓެމްބަރ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
ސެޕްޓެމްބަރ 23 ވަނަ ދުވަހު އދ. ދަނގެތީގައިވެސް ދަނގެތި ޕޮލިސް ސްޓޭޝަނުން ވަނީ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 39 އަހަރުގެ މީހަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ