ބޮޑު އިންޖީނެއް ހަލާކުވެއްޖެ، ކަރަންޓް ވީހާވެސް މަދުން ބޭނުންކުރޭ!

ކުޅުދުއްފުށި ސިޓީއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ބޮޑު އިންޖީނަކަށް މައްސަލަ ޖެހި، ވީހާވެސް މަދުން ކަރަންޓް ބޭނުންކުރުމަށް އިލްތިމާސްކޮށްފި އެވެ.
ކުޅުދުއްފުއްޓަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކާ 6 އިންޖީނު ބޭނުންކުރެ އެވެ. މައްސަލަ ޖެހިފައިވަނީ އެއް މެގަވޯލްޓްގެ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނަށެވެ.
ކުޅުދުއްފުށީ ފެނަކަ އިން އެކަމާ ގުޅިގެން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މައްސަލަ ޖެހުނު އިންޖީނު ސާވިސްކުރުމުގެ މަސައްކަތް ފަށައި މިހާރު އެކަން ކުރަމުންދާ ކަމަށެވެ. އެހެންވުމުން މައްސަލަ ހައްލުކުރެވެންދެން ކޮންމެ ދުވަހެއްގެ 10 އަކުން 15:30 އާ ދެމެދު އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.
ފެނަކައިން ކަރަންޓް ކެނޑިދާނެކަމަށް ބުނެފައިވާ ވަގުތަކީ އެންމެ ހޫނުވާ ވަގުތެވެ. އަދި އެގަޑިތަކުގައި ގިނައިން ކަރަންޓް ބޭނުންކޮށްފިނަމަ ޓެމްޕަރޭޗަރ މަތިވެ ކަރަންޓްގެ ހިދުމަތް މެދުކެނޑިދާނެ އެވެ.
އެހެންވުމުން އިންޖީނަށް ދިމާވި މައްސަލަ ހައްލުވަންދެން މިދުވަސްވަރު ވީހާވެސް މަދުން ކަރަންޓް ބޭނުންކުރުމަށް އެފަރާތުން އިލްތިމާސްކުރެ އެވެ.
ފެނަކަ އިން ބުނީ ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން، ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް ނިންވާލާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ