ކެންދޫ ދާއިރާގެ ވޯޓު ބާތިލް ނުކުރަން ނިންމައިފި

ކެންދޫ ދާއިރާގެ ވޯޓު ބާތިލްކުރުމަށްފަހު އަލުން އިންތިޚާބު ބާއްވަންޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކެންދޫ ދާއިރާގެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވަނީ އެދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް އަހްމަދު ލަތީފް އެވެ. އޭނާ ހުށަހަޅާފައިވަނީ އެދާއިރާގެ ވޯޓު ބާތިލްކުރުމަށްފަހު އަލުން އިންތިހާބު ބާއްވައިިދިނުމަށެވެ.
ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ބާތިލްކުރުމަށް ގަބޫލުކުރެވޭ ވަރުގެ ހެއްކެތް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އިންތިޚާބުގެ ކަންކަން ރޭވުމުގއި އާއި ރަނގަޅު ކުރަންޖެހޭ ކަންކަމުގެ ޝަކުވާތަކެއް ހުރުމުން ކޮމިޝަންގެ ޓީމެއް އެދާއިރާއަށް ފޮނުވަން ނިންމީ ކަމަށް ޝަރީފް ވިދާޅުވި އެވެ. އިއްޔެ އެޓީމު ފުރަން ހަމަޖައްސާފައި އޮތް ނަމަވެސް އެޓީމު އަދި ނުފުރާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"ދާއިމީ ނަތީޖާ އިއުލާންކުރުމަށްފަހުގައި ގައުމީ ކޮމްޕްލެއިންސް ބިޔުރޯގެ މެމްބަރުން އަޅުގަނޑުމެން ފޮނުވަން ނިންމާފައި އޮތީ. އެހެންވީމާ ކޮމްޕްލެއިންސް ބިޔުރޯގެ މެމްބަރުން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން ފޮނުވަން ބޭނުން ނުވާތީވެ އަދި ނުފޮނުވަން. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމާއެކީގައި ކޮމްޕްލެއިންސް ބިޔުރޯގެ ދެ މެމްބަރަކު އަޅުގަނޑުމެން ކަނޑައަޅާފައިވާ ރަށަށް ފޮނުވާނަން،" ޝަރީފް ވިދާޅުވި އެވެ.
ކެންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ މިހާރުވެސް އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން އެވެ. އަލީ ހުސައިން މިއިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 988 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ލަތީފަށް ލިބިވަޑައިގެންފައިވަނީ 829 ވޯޓެވެ.
އަހްމަދު ލަތީފް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ ކިއު ނަމްބަރަށް ވުރެ އިތުރަށް ފޮއްޓަށް ވޯޓުލާފައިވާ ކަމަށެވެ. އަދި ވޯޓާސް ލިސްޓާއި އިނގިލީގައި ފާހަގަ ޖަހައި މާކު ކުރާ ލިސްޓާއި ކިއު ނަމްބަރު ދޫކުރި ލިސްޓާ ދިމާ ނުވާ ކަމަށާއި، ވޯޓުލާ ގަޑި ހަމަވި ފަހުން ވެސް އެ ފޮއްޓަށް އޮފިޝަލަކު ވޯޓުލި ކަމަށްވެސް އެ މައްސަލައިގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ