މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރޭގައި ތިބުމަށް ގާސިމް އިލްތިމާސްކުރައްވައިފި

ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ވެސް ގާނޫނީ އިމުގެ ތެރޭގައި ތިބެގެން ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިލްތިމާސް ކުރައްވައިފި އެވެ.
ގާސިމް އިބްރާހީމް މިކަމަށް އިލްތިމާސްކުރެއްވީ ފުލުހުންގެ ބަންދުގައި ހުންނެވުމަށްފަހު ޝަރުތުތަކަކާއެކު މިނިވަންކުރި ފަހުން ފުރަތަމަ ފަހަރަށް މިރޭ ގުޅިފައިވާ ޕާޓީ ތަކުން ބޭއްވި ޖަލްސާގައި ބައިވެރިވެ ވާހަކަދައްކަވަމުންނެވެ. ގާސިމް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއިރު ކޯޓުން މިއަދު ވަނީ އެމަނިކުފާނަށް ކުރިމަތިކުރި ޝަރުތުތައް އުވާލާފަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގާނޫނާ ހިލާފަށް ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމަށް ބަޔަކު މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. ގާނޫނާ އެއްގޮތަށް އެބޭފުޅުން މަގާމުތަކުން ވަކިކުރަން އެ ޒިންމާ ގާނޫނީ ގޮތުން އެޅިފައިވާ ބޭފުޅުން މަސައްކަތް ކުރުމުން އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ހަދަން ބަޔަކު އުޅުނު ނަމަވެސް އެގޮތަށް އެކަން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިއަދު އެއޮތީ އެހެނެއް ނޫން ދެއްތޯ؟ އެހެންވީމާ ވަރަށް ރަނގަޅަށް ސާފުކޮށް ވިސްނާ ވަޑައިގަންނަވަން ޖެހެނީ ގާނޫނީ ހަމަތަކުގެ މަތިން ކުރާ ކަންތައްތައް ރައްޔިތުން ކުރަން ހަވާލުކޮށްފައިވާ މަންދޫބުން އެބޭފުޅުންނާ ހަވާލުކޮށްފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހި ލޮބުވެތި ރައްޔިތުން އަބަދު ޣާފިލްވެފައި ނުތިބޭނެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށްވިޔަސް އަދި އެކިއެކި މުއައްސަސާތަކުގެ ވެރިން ކަމަށްވިޔަސް، މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ ފަރާތްތަކުން ކަމަށްވިޔަސް އެ ލިބޭ އިބުރަތް އެ ލިބޭ ފިލާވަޅު އެ ދަސްކޮށްގެން އެއިން ލިބުނު ނަތީޖާ ބެލީމާ، ނުބައި މާކްސްއެއް ކަން ތިމަންނައަށް ލިބެނީ އެނގުނީމާ އެ ރަނގަޅު ކުރަން ކޮންމެ މީހަކަށްވެސް އެނގޭނީ،" މިހާރު އަމަލުކުރަމުންދާ ގާނޫނީ އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަންވެސް ކުރައްވާފައިވާ ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް މީހަކީ ކުށެއް ނުކުރެވޭ ވަރުގެ ފުރިހަމަ މީހެއް ނޫން ކަމަށެވެ. އެހެންކަމުން ކަމެއް ގޯސްކޮށް ކުރެވުނީމާ އެކަން އިސްލާހުކޮށް ކަންކަން ކުރިއަށް ގެންދަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި މުއައްސަސާތަކަށް ލިބޭ އިހްތިރާމު އިތުރުވެގެންދާނީ ވެސް ގާނޫނީ އިމުގެ ތެރެއިން އަދުލުވެރިކަމާއެކު ކަންކަން ކުރެވިގެން ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ވެރިޔަކު އެންގި ނަމަވެސް މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން ކަންކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އަދި ކަންކަން ކުރަންވާނީ އަދުލުވެރިކަމާއި އިހްސާންތެރިވެގެން ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދިވެހިންނަކީ އަދުލުވެރި އިންސާފުވެރި ބައެއްކަން ރައްޔިތުންގެ އަމަލުތަކުން ރައްޔިތުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
ވެރިއެއް ނަމަ ރައްޔިތުންނާ މެދު ކަންކަން ކުރަންވާނީ އިހްސާންތެރިކަމާއެކުގައި ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ވެރިކަމެއް ލިބުމާއެކު ތިމާއަށް ހުރިހާ ކަމެއް ލިބުނީ ކަމަށް ބަލައި އަދުލުވެރި ނޫން ގޮތަކަށް ރައްޔިތުންނާ މެދު އަމަލުކުރެވުމަކީ ވެރިން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މުއައްސަސާތަކުން އަމަލުކުރަންވާނީ ރައްޔިތުން ދިރިއުޅެނީ ޑިމޮކްރެޓިކް ވެެއްޓެއްގައި ކަމުގެ ހިތްހަމަޖެހުން އޮތް ވެއްޓެއް ގާއިމުކޮށްދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.
މިސަރުކާރުން ތަރައްގީގެ މަޝްރޫއުތަކެއް ހިންގަމުން ގެންދާކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ މިސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ބަލައިނުގަތުމުގެ ވިސްނުމެއް ގުޅިފައިވާ ޕާޓީ ތަކުގައި ނެތް ކަމަށެވެ. ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ބަލައިގަތުމަށް ދަތިވަނީ އެމަޝްރޫއުތައް ގެންދަންޖެހޭ ގޮތަށް ކުރިއަށް ނުގެންދާތީ ަކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވަނީ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށްވާތީ ބައެއް ކަންކަމުން ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އަކީ ކަންކަން ރަނގަޅު ކުރުމަށްޓަކައި ބަލައިގަންނަންޖެހޭ ނަތީޖާއެއް ކަމަށެވެ. އަދި މިއިންތިހާބުގައި ގުޅިފައިވާ ޕާޓީ ތަކަށް ލިބިފައިވާ ކާމިޔާބާ ގުޅިގެން އިތުރު ގޯހެއް ނުހަދާ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. މިއިންތިހާބުގައި ގުޅިފައިވާ ޕާޓީ ތަކުގެ ކެންޑިޑޭޓުންނަށް ބޮޑު ކާމިޔާބެއް ލިބިފައިވާ ކަން ފާހަގަކުރައްވާ ގާސިމް ވަނީ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންނަށް މަރުހަބާ ވެސް ދަންނަވާފަ އެވެ.
ގާސިމް ވަނީ އެމަނިކުފާނު ޖަލު ބަންދުގައި ހުންނެވިއިރު އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ކުރެއްވި ބުރަ މަސައްކަތް ގާސިމް ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ. އަދި މިއަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 50 ވަނަ އުފަން ދުވަސް ކަމަށްވާތީ ގާސިމް އިބްރާހީމް ވަނީ ރައީސް ނަޝީދަށް އުފަން ދުވަހުގެ ތަހުނިޔާ ދެންނެވުމާއެކު އެމަނިކުފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ