އިރުއޮއްސުމުގެ ކުރިން ވިލިނގިއްޔަށް ކަރަންޓް ފޯރުކޮށްދެވޭނެ: ފެނަކަ

ގއ. ވިލިނގިލިން ކަރަންޓް ކެނޑިފައިވަނީ މިހާރު ބޭނުން ކުރަމުންދާ ދެ ޖަނެރޭޓަރުން އެއް ޖަނެރޭޓަރުގެ ފޭން ހަބް ހަލާކުވެގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ރޭ ފަތިހުން ފެށިގެން ވިލިނގިލިން ވަނީ ކަރަންޓް ކެނޑިފައެވެ. ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ކަރަންޓް ކެނޑެން ދިމާވީ އެރަށަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުން ކުރަމުންދިއަ ދެ ޖަނެރޭޓަރުން އެއް ޖަނެރޭޓަރުގެ ފޭން ހަބް ހަލާކުވުމާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސއްކަތް ކުރަމުންދާ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިއީ އާންމުކޮށް ދިމާވާ މައްސަލަ އަކަށް ނުވާތީ އެ މައްސަލަ ދިމާވިއިރު އިތުރު ބެކަޕެއް ނެތް ކަމަށެވެ. އަދި ވިލިގިއްޔަށް ކަރަންޓް ފޯރުކޮށްދިނުމަށް ގދ. ތިނަދޫގައި ހުރި ޖަނަރޭޓަރަކުން ފޭން ހަބެއް ވަގުތީގޮތުން އެރަށަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވީ މިއަދު އިރުއޮއްސުމުގެ ކުރިން މުޅި ރަށަށް ކަރަންޓް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ގއ. ވިލިނގިއްޔަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ 550 ކިލޯ ވޯޓާއި 800 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ތެރެއިން ހަލާކުވެފައިވަނީ 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ