ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އާއި ގުޅިވަޑައިގަތުމަށް ނިންމަވާ އެކަން އިއުލާނުކުރައްވައިފިއެވެ.
މިހާރު ހިނގަމުންދާ 19ވަނަ މަޖިލީހުގައި އެންމެ ތަފާތު މެންބަރެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ މެންބަރު ޖާބިރު "ވީނިއުސް"އަށް ވިދާޅުވީ ޑީއާރުޕީއަކީ މިވަގުތު ކުޑަ ޕާޓީއެއް ނަމަވެސް އެއީ މިހާރު ވުޖޫދުގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޕާޓީކަމަށެވެ.
ޕާޓީއަކާއި ގުޅިވަޑައިގަތުމުގެ ވިސްނުންފުޅަކީ މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުރި ގޮންޖެހުންތަކާއި ގުޅިގެން އުފެދުނު ވިސްނުންފުޅެއްކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. އަދި މިއަދާއި ހަމައަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ކިތަންމެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވިނަމަވެސް، އެޕާޓީގެ އޭނާގެ ޚިދުމަތުގެ އަގު ވަޒަންކޮށްފައިނުވާކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އޭނާ ޑީއާރުޕީއާއި ގުޅިވަޑައިގަތުމުން އެޕާޓީއަކީ ކުޑަ ޕާޓީއަކަށް ނުވާނެކަމަށެވެ. އަދި ވަރަށް އަވަހަށް މެންބަރުންގެ އަދަދު 10،000 އިތުރުކުރައްވާ ޕާޓީގެ ހިންގުން ހަރުދަނާ ކުރައްވާނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
އަދި ޑީއާރުޕީގައި ވަރުގަދަ ޕީޖީ ގުރޫޕެއް އޮންނާނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އޭނާއާއެކު ދެ މެންބަރަކު ޑީއާރުޕީއަށް ސޮއިވެސް ކުރައްވާނެކަމަށެވެ.
ޑީއާރުޕީގެ މިހާރުގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ވިދާޅުވީ ޖާބިރުގެ ނިންމެވުމަށް އެޕާޓީން ހޫނު މަރުހަބާއެއް ކިޔާކަމަށެވެ. އަދި ޖާބިރާއެކު ޑީއާރުޕީއަށް އޮތީ ފާގަތި މުސްތަގްބަލެއްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޖާބިރާއެކު މަޖިލީހުގެ ބައެއް މެންބަރުން އެޕާޓީއާއި ގުޅިވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ އެއީ އުފާކުރައްވާކަމެއްކަމަށެވެ. އަދި ޖާބިރު ވެވަޑައިގަންނަވާނީ ޑީއާރުޕީގެ ޕީޖީ ގުރޫޕްގެ ލީޑަރަށްކަމަށާ ޑީއާރުޕީގެ ކޮންގްރެސްއަށްފަހު ޖާބިރުގެ ބެއްލެވުމުގެ ދަށުން ޑީއާރުޕީ ހިންގަން ފެށޭނެކަމަށެވެ.
ރައީސް މައުމޫންގެ އިސްނެންގެވުމަށް އޭރު އުފެދުނު ޑީއާރުޕީއަކީ ވަރަށް ގިނަ ސިޔާސީ ލީޑަރުން އޭރު ނިސްބަތްވި އެންމެ ވަރުގަދަ ސިޔާސީ ޕާޓީއެވެ. ޖާބިރަކީވެސް ޑީއާރުޕީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރައީސް މައުމޫނާއި، ޑީއާރުޕީ ފަހުން ހިންގެވި އަހްމަދު ތަސްމީން އަލީ އާއި ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން ސިޔާސީ އިސް ހުރިހާ ބޭފުޅުން ވަނީ ޑީއާރުޕީ ދޫކޮށް ވަޑައިގެންފައެވެ. އެތަށްހާސް މެންބަރުންގެ ދަފްތަރެއް އޮތް ޑީއާރުޕީގައި މިހާރު ތިއްބެވީ ވަރަށް މަދު މެންބަރުކޮޅެކެވެ.
އަބްދުﷲ ޖާބިރު، ޑީއާރުޕީއާއި ގުޅިވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ