ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދޫކޮށްލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ އިޝާ ނަމާދު ވަގުތާ ދިމާކޮށް އެމަނިކުފާނުގެ އަމިއްލަގެ، މާފަންނު ވިލާގައި ހުންނަވަނިކޮށެވެ. އަދި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ ބަންދަށް ހަ ދުވަސް ދިނީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރައްވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށެވެ. މިފަދަ އަމުރަކަށް އެ ކޯޓްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށެހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށްވެސް މިމާއްދާގައިވެ އެވެ. ނަމަވެސް ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ މިމާއްދާގައިވާ ގޮތަށް ޕީޖީގެ އެެއްވެސް ދައުރެއް ނެތި ފުލުހުން ސީދާ ކްރިމިނަލް ކޯޓަށް ގޮސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ދެއްވި ކޯޓު އަމުރެއްގެ ދަށުންނެވެ.
ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާގައި ބުނެފައިވާ އިޖުރާތުތައް ފުރިހަމަ ނުކޮށް ކަމަށް ހައިކޯޓުގެ ޝަރީއަތުގައި ދައުލަތުން އެއްބަސްވެފައިވާ ކަމަށް އެނގިފައިވެ އެވެ.
މިކަންކަމަށް ރިއާޔަތްކޮށް ގާސިމް އިބްރާހީމް ދޫކޮށްލަން ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގާސިމް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ ހިލާފު ބާތިލް އަމުރެއް ކަމަށެވެ. އެހެންކަމުން ގާސިމް ވަގުތުން މިނިވަންކުރުމަށްވެސް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
"އިސްތިއުނާފް މި ކުރެވޭ ކޯޓު އަމުރުގެ ދަށުން ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކުރައްވާފައިވަނީ ގާނޫނު ނަމްބަރު 5/2013 (ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ ހ. އާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްގެ ދަށުން ގާސިމް އިބްރާހިމް ބަންދު ކުރެވިފައި ވަނިކޮށް އެ އަމުރުގެ މައްޗަށް ބިނާ ކުރައްވައިގެންކަން އެނގެން އޮންނަ ކަމާއި، ބާތިލްކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާތިލު ކަމަކަށް ވާނެތީ ކްރިމިނަލް ކޯޓުގެ ނަމްބަރު [އަމުރު ނަމްބަރު] ކޯޓު އަމުރަކީ ގާނޫނާ ޚިލާފް ބާތިލް އަމުރެއް،" މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ އަމުރުގައިވެ އެވެ.
ހައިކޯޓުން ގާސިމް ދޫކޮށްލުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރުމުގައި ގޯސްކޮށް އަމަލުކުރެވިފައިވަނީ ފުލުހުންނާ ކްރިމިނަލް ކޯޓަށް އެރި އޮޅުމެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ދޫނިދޫގައި ބަންދުގައި ހުންނެވިއިރު ފުލުހުން ވަރަށް ރަނގަޅަށް ޕްރޮފެޝަނަލްކޮށް އަމަލުކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު އެތަނުގައި އިސްލާހު ކުރަންޖެހޭ އުސޫލުތަކެއް ހުރި ކަމަށްވެސް ވިދާޅުވި އެވެ.
މިއަދަކީ އުފާވެރި ދުވަހެއް ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އުފާވަނީ ފުލުހުންގެ އަހްލާގަށް ސުލޫކަށް އިސްލާހީ ރަނގަޅު ބަދަލުތަކެއް އައިސްފައިވާ މަންޒަރު ފެނުމުން ކަމަށެވެ. ނަމަވެސް ފުލުހުންގެ ތެރޭގައި އަމަލުކުރުމަށް 2004 ވަނަ އަހަރާ އަޅާބަލާއިރު މިއަދު އޮތީ މާހަރުކަށި އުސޫލެއް ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ