ތިލަފުށީގައި ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ޓްރަޔަލް ކާމިޔާބު

ތިލަފުއްޓަށް ބޯޓު ފަހަރު ބަނދަރުކޮށް، ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް އޮޕަރޭޝަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މާލޭ ވިޔަފާރި ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ތޮށްޖެހުމުގެ މަައްސަަލައާއި ގުޅިގެން އޮޕަރޭޝަންތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، މި ވަގުތަށްވެސް ކުރެވޭނެ ކަންތައްތައް ދެނެގެނެ، ބަނދަރުން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެމްޕީއެލްއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން އެމްޕީއެލުން ވަނީ ތިލަފުށީގައި ގާއިމުކޮށްފައިވާ ކީ ވޯލްއަށް ބޯޓުފަހަރު ބަނދަރުކޮށްގެން ހުސް ކޮންޓެއިނަރު ބަރުކުރުމުގެ ފުރަތަމަ ޓްރައިލް އޮޕަރޭޝަން ކުރިއަށްގެންގޮސްފައެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގ އެމްއެސްއެސްގެ "އެމްއެސްއެސް ގަލޭނާ" ބޯޓަށް ޖުމްލަ 394 ޓީއީޔޫގެ ހުސް ކޮންޓެއިނަރު ވަނީ ބަރުކޮށްފައެވެ. އެމްޕީއެލްގެ ޓީމުތަކުން ރެޔާއި ދުވާލު ކުރި މަސައްކަތުން މި އޮޕަރޭޝަން ނިންމާލާފައިވަނީ 20 ގަޑިއިރުގެ ތެރޭގައެވެ.
އެމްޕީއެލްއިން ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ ބޭލުމަށްފަހު، ހުސް ކޮންޓެއިނަރުތައް ބަރުކޮށްގެން ފުރުމަށް މިހާރު ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށެވެ. އެހެންނަމަވެސް ތިލަފުށީގައި "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ" ގެ ގޮތުގައި ބޭނުންކުރާ ސަރަހައްދުގައި ހުރި 60 މީޓަރުގެ ކީ ވޯލް ބޭނުންކުރަން ފެށުމުން، ބޯޓުފަހަރު ބަނދަރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، މާލޭ ބަނދަރުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ތިލަފުށީގައި ގާއިމްކޮށްފައިވާ މި ޖާގައަކީ ހުސް ކޮންޓެއިނަރުތައް ރައްކާކުރުމަށާއި، ސާފުކޮށް މަރާމާތުކުރުމަށް ބޭނުންކުރާ ޚާއްސަ ފެސިލިޓީއެކެވެ. މި ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3,000 ޓީއީޔޫއަށް މަތިއިރު، މި އައު އިންތިޒާމަކީ ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރުގެ މަސައްކަތް ނިމި، 2027 ވަނަ އަހަރުގެ ނޮވެންބަރު މަހު ހުޅުވެންދެން މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލިބޭނެ ވަގުތީ ހައްލެއް ކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ބަދަލުތަކާއެކު ބަނދަރުގެ ޚިދުމަތްތައް ފެށުމުން، މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސްކުރެވި ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ރާއްޖެ ގެނައުމަށް ހިނގާ ހަރަދު ކުޑަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހައި ބަދަލުތަކާއެކު މުދަލުގެ އަގު ކުޑަކުރެވި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ