އާސަންދައިގައި ރަޖިސްޓްރީނުވާ ޚިދުމަތްތަކަށްވެސް ބޭރުން ފަރުވާއަށް އެހީ ދެނީ

ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ޤަވާއިދަށް ގެނައި އިސްލާހާއެކު ރާއްޖެއިން ބޭރުން ފަރުވާކުރުމަށް އާސަންދައިގައި ރަޖިސްޓްރީކޮށްފައި ނުވާ ޚިދުމަތްތަކަށްވެސް ސްކީމުން އެހީ ދޭނެކަމަށް އެންސްޕާއިން ވިދާޅުވެއްޖެއެވެ.
ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ޤަވާއިދަށް ގެނައި އިސްލާހުގައިވަނީ ރަޖިސްޓްރީކޮށްފައި ނުވާ
ޚިދުމަތްތަކަށް އާސަންދަ ދޭނީ ބަލީގެ ބާވަތާއި ބަލިމީހާގެ ހާލަތާއި ރާއްޖޭގައި ލިބެންހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިޢާޔަތްކުރުމަށްފަހުކަަމަށެވެ.
މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ ހެދިފައިވާ އުސޫލުގެ ތެރެއިން މީގެ ކުރިންވެސް ރާއްޖެއިން ފަރުވާ ލިބޭ ހާލަތްތަކުގައި ފަރުވާއަށް ބޭރަށް މީހުން ފޮނުވާކަމަށެވެ. އާސަންދަ ސްކީމްގެ ތެރެއަށް މި މަސައްކަތް ބަދަލުވުމުންވެސް އެއުސޫލު ހިފަހައްޓާނެކަމަށާއި، ރާއްޖޭގައި ފަރުވާ ކުރެވޭ ހުރިހާ ބައްޔަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ނުފޮނުވާނެކަމަށްވެސް ޒީނިޔާ ވިދާޅުވިއެވެ.
"މިއީ އާކަމެއް ނޫން އަޅުގަނޑުމެން ކުރިންވެސް ހަމަ އާސަންދަ ސްކީމްގެ ތެރެއިން ފޮނުވަން، މައިބަދައިގެ އޮޕަރޭޝަނެއް ދެފަހަރު ތިން ފަހަރުކޮށްފައި ފެއިލްވެފައި ހުންނަ ކޭސްތަކުގައި ޑޮކްޓަރުން ރެކޮމަންޑުކުރީމައި އެބަ ވިދާޅުވޭ ބޭރަށް ދާން. މިފަދަ ހަލާތެއްގައި އެއީ ރާއްޖެއިން ކުރެވޭ ކަމަކަށްވިއަސް އާސަންދަ ސްކީމްގެ ތެރެއިން ފޮނުވާނެ" ޒީނިޔާ ވިދާޅުވިއެވެ.
ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ޤަވާއިދަށް ގެނައި ބަދަލުގައިވާ ގޮތުން ރާއްޖޭގައި ލިބެން ހުއްޓަސް ފަރުވާ ހޯދުމަށް ފޮނުވޭނީ އާސަންދަ ސްކީމްގައި އެމްޕެނަލް ވެފައިވާ ބޭރުގެ ހޮސްޕިޓަލަކަށެވެ. އަދި އެ ފަރުވާއަކީ އާސަންދައިގައި ރަޖިސްޓްރީ ކޮށްފައި ނުވާ ޚިދުމަތަކަށް ވިޔަސް އެ ސްކީމުން އެހީ ދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ ސްކީމްގެ ދަށުން މިހާތަނަށް ރިފަރެލް ދެމުން އައީ ރާއްޖެއިން ނުލިބޭ ފަރުވާތައް ހޯދަން އެކަނިކަމަށާއި ނަމަވެސް އަލަށް ގެނައި ބަދަލާ އެކު، މީހާގެ ހާލަތަށް ބަލައި ބޭރަށް ފޮނުވޭނެކަމަށް ވަނީ ވިދާޅުވިއެވެ.
ކުރިން އޮތްގޮތުން އެހެން ތަނަކަށް ރިފަރކުރުމުގެ ހުއްދަދެވޭނީ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިނުމަށް ރަޖިސްޓަރީކޮށްފައިވާ އަދި އެ ބައްޔެއްގެ ޚާއްސަ ޑޮކްޓަރުން ތިބޭ ތަންތަނަށެވެ. އެހެންނަމަވެސް އަލަށް ގެނައި ބަދަލާއެކު ރިފަރ ކުރުމުގެ ހުއްދަ ދޭނީ އެބައްޔެއްގެ ޚާއްސަ ޑޮކްޓަރުން ތިބޭ އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ދިނުމަށް ރަޖިސްޓަރީ ވެފައިވާ ޚިދުމަތްދޭ ތަންތަނަށެވެ. އެކަމަކު، އެ ބައްޔެއްގެ ޚާއްސަ ޑޮކްޓަރެއް އެ އަތޮޅެއްގައި ނުވަތަ ރަށުގައި ނެތް ހާލަތުގައ،ި ކުންފުނިން ހުއްދަދޭ ޑޮކްޓަރަކަށް އެކަމަށް ރިފަކުރުމުގެ ހުއްދަ ދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ