ވޯލްޑް ކަޕްގެ މެޗުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީންގައި އަޅުވަން ބޭނުންވާ މީހުންނަށް އެ ހުއްދަދޭން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިގޮތަށް ފާސްކުރީ މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގަ އެވެ.
ވޯލްޑް ކަޕަކީ ދުނިޔޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ދިވެހިން އެންމެ ފޯރީގައި ބަލާ މުބާރާތެވެ. އާންމު ތަން ތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން މެޗުތައް ބެލުމުގެ ޑިމާންޑު ބޮޑެވެ.
ތަފްސީލް - މިއަދުގެ ޖަލްސާގައި މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިއަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް މާލޭގެ އެކި ސަރަހައްދުތަކުގައި އެޅުވުމަށް ބޭނުންވެގެން އެކި މީހުންގެ ފަރާތުން ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ. އެ ޕްރޮޕޯސަލްތައް ހުށަހަޅާފައިވަނީ އެމީހުންގެ އަމިއްލަ ހަރަދުގައި އެކަން ކުރަންކަން ވެސް އާޒިމް ފާހަގަކުރެއްވި އެވެ.
އަމިއްލަ ހަރަދުގައި އެކަން ކުރަން ބަޔަކު ތައްޔާރަށް ތިބިނަމަ އެ ހުއްދަދޭން ދެކޮޅު ނަހަދާ ކަމަށް ކައުންސިލަރުން ވިދާޅުވި އެވެ. އެކަމަކު، އެކަން ކުރަންވާނީ ކޮލިޓީ ހިފެހެއްޓޭ ގޮތަށް ފުރިހަމަ އިންތިޒާމުތަކާއެކުކަމަށް ވިދާޅުވި އެވެ.
ކައުންސިލަރުން ވިދާޅުވީ ހުއްދަދޭއިރު:
ބިމެއް ދިނީމާ ޕްރޮޖެކްޓަރެއް އަޅުވައިގެން ތިބުމުގެ ބަދަލުގައި، ފުޓުބޯޅަ އީދެއްގެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތަށް ޕްރޮޕޯސަލްތަކުގައި ހިމެނުން މުހިންމު
މެޗުތައް އަޅުވާ ގަޑިތަކުގެ ގޮތުން އެ ސަރަހައްދެއްގައި ދިރިއުޅޭ އާންމުންނަށް އުނދަގޫނުވާނެ އިންތިޒާމުތަކެއް ހަމަޖެއްސުން
ވޯލްޑް ކަޕް މެޗުތައް ބޮޑު ސްކްރީންގައި އެޅުވުމުން ބިދޭސީން ހިމެނޭހެން ގިނަ ބަޔަކު އެއްތަނަކަށް އެއްވާތީ، އެންމެން އެއްތަނަކަށް ޖަމާވެ އުނދަގޫތަކާ ކުރިމަތިނުވާނެހެން އިންތިޒާމުތައް ހަމަޖައްސަން ހުށަހެޅުއްވި
މި އިންތިޒާމުތަކާ އެކު މާލޭގައި ބޮޑު ސްކްރީން އަޅުވަން ބޭނުންވާ މީހުންނަށް އެ ހުއްދަދޭން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މާލޭގައި ވޯލްޑް ކަޕް ބޮޑު ސްކްރީންގައި އަޅުވަން ބޭނުންވާ މީހުންނަށް ހުއްދަދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ