”ދިވެހި ވަތަނީ ހިދުމަތް“ (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގެ ފަންނީ ތަމްރީނުތަކުގައި ބައިވެރިވާ ޒުވާނުން މިއަދު ބ. ކިހާދޫއަށް ފުރައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން ފަންނީ ތަމްރީނަށް ކުރިމަތިލި ބައިވެރިން، ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ”ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް“ އަށް މިއަދު ދަތުރު ފަށާފައިވާ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ 77 ޒުވާނުން ބައިވެރިވެއެވެ. އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ މި ޒުވާނުންނަށް މި ތަމްރީނުގެ ތެރެއިން ތަފާތު 6 ފަންނީ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމީ ލޯބި ހުރި، އަދި މަސައްކަތުގެ މާހައުލަށް އަހުލުވެރިވެފައިވާ ޒިންމާދާރު ރައްޔިތުންތަކެއް ދިވެހި މުޖުތަމައަށް ނެރުމެވެ. މި ޕްރޮގްރާމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ޒުވާނުން ބާރުވެރިކުރުވުމަށާއި ގައުމީ ރޫހު އާލާކުރުމަށް ދޭ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ބ. ކިހާދޫގައި ކުރިއަށްދާ މި ފަންނީ ތަމްރީނުތަކުގެ ސަބަބުން، ބައިވެރިންނަށް އެކި ދާއިރާތަކުން ހުނަރު ލިބި، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމި 344 ދަރިވަރުން ދަސްވެނިވިފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ރާއްޖޭގެ 112 ރަށަކުން 350 ބައިވެރިންނާއެކު ފެށި މި ބުރުން ދަސްވެނިވި 344 ބައިވެރިންގެ ތެރޭގައި ހިމެނެނީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުތަކަކީ، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިން އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، ފީލްޑް އެކްޓިވިޓީތަކުގެ އިތުރުން ޝައުގުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ހަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެކެވެ. މި ތަމްރީނުގެ މުއްދަތުގައި، ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިއާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވާ އާލާކުރުމަށް ޝައުގުވެރިވާ، އަހުލާގާއި ސުލޫކު ރަނގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫޙު އާލާކޮށް، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، އަހްލާގު ރަނގަޅު ޖީލެއް ބިނާކުރުމެވެ. މި ޕްރޮގްރާމަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުތަކުގައި ބައިވެރިވާ ޒުވާނުން ބ. ކިހާދޫއަށް ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ