އަންހެނުންނަށް އަސާސީ ޚިދުމަތް ފޯރުކޮށް ނުދީ މާލެ ވަށައިގެން އޮތްހާތަނެއް ހިއްކީމައި ދެއްކުނު ވާހަކައެއް ދިމަލެއްނުވޭ: މެމްބަރު ޢަލީ

ކެމްޕެއިންގައި ޖަޒީރާ ރާއްޖޭގެ ވާހަކައާއި، ލާމަރުކަޒީ ވާހަކަ ދެއްކިއިރު ރަށްރަށުގެ އަންހެނުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދީ، އަނެއްކާ ތިންވަނަ ފަހަރަށް މާލޭގެ މަގުތައް ހަދައި، މާލޭގައި ވަށައިގެން އޮތިއްޔާ އޮތްހާ ތަނެއް ހިއްކައި، ބްރިޖުއަޅަން ދިމާކުރީމައި ދައްކާ ވާހަކައަކާއި ކުރާ ކަމަކާ ދިމާނުވާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
މެމްބަރު ޢަލީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އިއްޔެ މަޖިލިސްއަށް ހުށަހެޅި ޤަރާރަށް ތާއީދު ކުރަށްވައި، ބަހުސް ކުރައްވަމުންނެވެ.
މެމްބަރު ޢަލީ ވިދާޅުވީ މެމްބަރު ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާގައި ހިމެނޭ ބ. ކިހާދޫ މާބަނޑު މީހާ، ސްކޭން ކުރުމަށް އޭދަފުށްޓަށްގޮސް އެންބުރިއައިސް ރަށަށް ފޭބޭނެ ގޮތެއް ނެތްކަމަށެވެ. އެރަށުގައި ފަޅެއް ނެތްކަމަށާއި، ރަށަށް ފައިބަންޖެހެނީ ބޮޑުސިންގާ ދިގު ހަރުގަނޑަކުން ކަމަށެވެ.
އެދާއިރާގެ ކުޑަރިކިލުވެސް އޮންނަނީ އެފަދަ ހާލަތުގައި ކަމަށްވިދާޅުވެ މެމްބަރު ޢަލީ ވިދާޅުވީ އަންހެނުންގެ ވާހަކަދައްކާއިރު ފުރަތަމަ ކަމަކަށް ބަދަލުކުރަންވީ ސިޔާސަތުތައް ކަމަށެވެ. ގާނޫނުތަކަށްވުރެވެސް ސިޔާސަތުތައް ބަދަލުކުރަން ޖެހޭ ކަމަށް ޢަލީ ވިދާޅުވިއެވެ.
އަންހެނުން ބާރުވެރިކުރުވާ ވާހަކަދައްކާއިރު ގަބޫލުކުރަންޖެހޭ ވަރަށް ގިނަ ޙަޤީޤަތްތަކެއް އެބަހުރި ކަމަށް ވިދާޅުވެ ޢަލީ ވިދާޅުވީ، ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ އަންހެންވެރިން ދިރިއުޅުމަށް ކުރާ ބައިވަރު މަސައްކަތްތަކަށް މިއަދު ހުރަސްއެޅިފައިވާ ކަމަށެވެ.
” އެކަން ބަދަލުކުރަން ބަލާއިރުގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ އަނެއް ޙަޤީޤަތަކީ، މަސްވެރި ޢާއިލާތަކުން އެ މީހުން ބާނާ މަސް ކެއްކުމަށް ބޭނުންވާ ދަރު ވެސް އަދިވެސް ހަމަ ހޯދަނީ ގިނައިން ފަޅުރަށްރަށުން. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު ކުރިމަތިވެފައިވާ ދަތިއުނދަގޫ ހާލަތަކީ، ދަރުކޮޅެއް ހޯދަން ދާނެ ފަޅުރަށެއް ވެސް ނެތް، ފަންކޮޅެއް ހޯދަން ދާނެ ފަޅުރަށެއް ވެސް ނެތް. އެހެންވީމާ، އަންހެނުންގެ ވާހަކަ
އަޅުގަނޑުމެން ދައްކާއިރު މިކަން ވަރަށް ބޮޑަށް ފާހަގަކުރަން އެބަޖެހޭ.” މެމްބަރު ޢަލީ އިތުރަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ގިނަ ރަށްރަށުގައި، ވަކިން ޚާއްޞަކޮށް މެމްބަރު ޢަލީ ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާ ހިމެނޭ ގޮތަށް ހުރިހާ ރަށެއްގައި ވެސް އަންހެންވެރިން އެ މީހުން ޤަޟާޙާޖަތްކުރާނެ ގޮތް ނެތިފައި ތިބިކަމަށް މަޖާޒީގޮތުން ޢަލީ ފާހަގަކުރެއްވީ އެ ރަށްރަށުގައި ސާފު ފެނާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ނެތްކަމަށް ފާހަގަ ކުރަށްވަމުންނެވެ.
ކަމެއް ކުރުމުގެ ހައިސިއްޔަތު ނެތި، ކަމެއް ކުރުމުގެ ޤާބިލުކަން ބަޔަކަށް ނުދީ، ކަމެއް ކުރުމުގެ ފުރުޞަތު ބަޔަކަށް ނުދީ، ހަމައެކަނި ގާނޫނުގައި އެކަން ކުރުމުގެ މިނިވަންކަން އެބައޮތޭ ކިޔާފައި ދޫކޮށްލުމަކުންނެއް އެ މިނިވަންކަމެއް، އެ ކަމެއް ޙަޤީޤަތުގައި އަންހެނުންނަކަށް ނުކުރެވޭނެ ކަމަށާއި، އަންހެނުންނަށް ވެސް ފިރިހެނުންނާ އެއްވަރުގެ ޙައްޤުތަކެއް، މިނިވަންކަމެއް ނުވަތަ ހަމަ ހަމަ ފުރުޞަތުތަކެއް ލިބޭ ކަމަށް ގާނޫނުގައި ލިޔެ މިނިވަންކަން ދިނަކަސް، އެކަން ކުރުމުގެ ޤާބިލުކަމާއި، އެކަން ކުރުމުގެ ހައިސިއްޔަތާއި، އެކަން ކުރެވޭނެ މަގު ފަހިކޮށްނުދޭ ކަމަށް ވަންޏާ، އަންހެނުން ތިބޭނީ ބާރުވެރިނުވެ ކަމަށްވެސް ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ ޤައުމީ ތަރައްޤީގައި އަންހެނުންގެ ހިއްސާ އިތުރުކުރަން ބޭނުންނަމަ ފުރަތަމަ ޤައުމުގެ ތަރައްޤީ މިނާ މިންގަނޑު ބަދަލުކުރަން ޖެހޭކަމަށާއި، ހަމައެކަނި ޤައުމުގެ ތަރައްޤީ މިނާ މިންގަނޑަކީ، ޤައުމުގެ އުފެއްދުން ތެރިކަމަށް ޖީ.ޑީ.ޕީ ކަމުގައި ބަލާބެލުން ނިމުމަކަށް ގެނެސް، އޭގެ ބަދަލުގައި ވެލްބީންގ ނުވަތަ ދުޅަހެޔޮކަން އެއީ ޤައުމުގެ ތަރައްޤީ މިނާ މިންގަނޑު ކަމުގައި ބެލެވިއްޖެނަމަ، ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި ޞިއްޙީ ގޮތުންނާއި، އަދި މިނޫންވެސް ގޮތްގޮތުން، އަދި އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން އެޅޭ އެތަކެއް ފިޔަވަޅުތަކެއް
އޭގެތެރެއިން އެޅިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ