މެމްބަރު ޝަހީމް ހުންނެވީ ކަރަންޓީންގައި، އެކަމަކު ގެއްލިފައި: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލިހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ކަރަންޓީންގައި ހުއްޓައި "ގެއްލިފައިވާ" ކަމަށާއި އޭނާ ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ކަރަންޓީންގައި މަޖިލިހުގެ މެމްބަރަކު "ގެއްލިފައި"ވާ ކަމަށެވެ. އަދި އެ މެމްބަރާ އެންމެ ފަހުން ފޯނުން ގުޅުއްވިފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"(ޝަހީމް) ވިދާޅުވީ ތިމަންނާ މިހުރީ ކަރަންޓީން ފެސިލިޓީއެއްގައިއޭ. އެއީ ރަށަށް ވަޑައިގަތުމަށް ކަރަންޓީން ވާން ޖެހޭ ކަމުން ކަރަންޓީން ވެވަޑައިގަތީ،" މީގެކުރިން ބޭއްވި އެމްޑީޕީގެ މުޒާހަރާތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ޝަހީމްއާ ބެހޭ ގޮތުން ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް، އަލުން އެނބުރި މާލެ އައުމަށް ޝަހީމް އެދިވަޑައިގެންނެވި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އެކަމަކު، ބެލި އިރުގައި އޭނާ އެ ތަނުގައި ރެޖިސްޓަވެފައި ނެތުމުން. މެމްބަރު ދޫކޮށްލެވޭކަށް ނެތް. ނެތް މީހަކު ދުލެއް ވެސް ނުކުރެވޭނެތާ؟ ދެން އަޅުގަނޑުމެން ވެސް މިތިބީ ޕްރޮސެސްގެ ތެރޭގައި މި މަސައްކަތް ހިންގަމުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޝަހީމް ވުޖޫދަށް ގެންނެވޭތޯ މަޖިލިހުގެ އަމީން އާންމު، ފާތުމަތު ނިއުޝާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ