އަންނަ ހޮނިހިރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން، އަންނަ ހޮނިހިރު ދުވަހު ހަވީރު މާލޭގެ މަގުމަތީގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.
ވެހިކަލް ދުއްވުން، ސިޓީ ކައުންސިލުން ނެރުނު ގަރާރަކުން މަނާކުރީ އެ ދުވަހު މަގުމަތީގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސާފައިވާތީ އެވެ. އެގޮތުން އެމްއެންޑީއެފާއި ކެޑޭޓްކޯގެ ފަރާތުން ފަސް ބޭންޑަކުން ޕެރޭޑާއި ރޫޓު މާޗު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ކައުންސިލުން ބުނީ އެ ހަރަކާތްތައް ބެލުމަށް އެ ދުވަހު ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މަގުތަކަށް ނިކުންނާނެ ކަމަށާއި އެހެންވެ، ދުއްވާ ވެހިކަލެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިދާނެ ކަމަށެވެ. އަދި ޕެރޭޑް ކުރިއަށް ދާ ވަގުތުގައި ޓްރެފިކަށް ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށް، ހޮނިހިރު ދުވަހު ހަވީރު 3:30 އިން 6:30އަށް އެއްވެސް ވެހިކަލެއް ދުއްވުމަކީ މަނާކަމެއް ކަމަށް އެ ތަނުން ބުންޏެވެ.
މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ ހުކުރު ދުވަހަކާ އެވެ. އެހެންވެ، ރަސްމީ ބަންދު ދުވަހަކާ ދިމާތީ، އަންނަ އާދިއްތަ ދުވަސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ