ފަނޑިޔާރު އަބްދުﷲ ދީދީ ހާޒިރުކުރަނީ ދެ މައްސަލައަކާ ގުޅިގެން ބަޔާން ނަގަން: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކުރަނީ ދެ މައްސަލައަކާ ގުޅިގެން ބަޔާން ނެގުމަށް ކަމަށް ޖޭއެސްސީން ބުނެފިއެވެ.
މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ޖޭއެސްސީން ވަނީ އެ ދެ މައްސަލަ ބެލުމަށް ކޮމިޓީއެއް ވެސް ނަގައިފައެވެ. މައްސަލަ ބެލުމަށް ޖޭއެސްސީގެ ހުރިހާ މެމްބަރުން ހިމެނޭގޮތަށް ކޮމިޓީ ނެގުމަށް ހުށަހެޅުނު ނަމަވެސް، ކޮމިޝަންގެ ރައީސް އަބްދުﷲ އަރީފާއި މެމްބަރު އަބްދުލްހަންނާނު އަހްމަދު އަދި މެމްބަރު ލަތީފާ ގާސިމް ތަނާޒުލްވުމާ ގުޅިގެން ކޮމިޓީގައި ހިމެނުނީ ދެން ތިބި މެމްބަރުންނެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ސުލޫކީ މައްސަލަތައް ބެލުމުގެ ގޮތުން ބަޔާން ނެގުމަށް މިރޭ 11:30ގައި އަބްދުﷲ ދީދީ ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ. ޖޭއެސްސީން އެ މައްސަލަތައް ބަލަން ފެށީ މޯލްޑިވްސް ޕޮލިސް ސާވިސް އިން އަބްދުﷲ ދީދީއާ ގުޅޭގޮތުން ބަލަމުންދާ ދެ މައްސަލައާ ގުޅިގެންނެވެ.
އެ ދެ މައްސަލައަކީ އަބްދުﷲ ދީދީ ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާއި އަބްދުﷲ ދީދީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއީޒު މަންފާތަކެއް ހާސިލުކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. އެ ދެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަން އަންގާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.
އެ ދެ މައްސަލައާ ގުޅިގެން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމާފައި ވަނިކޮށް، އެ ނިންމުމަށް ގޮންޖައްސަވައި މަސައްކަތަށް ނުކުންނެވުމުން އެކަމުގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ބެލެވޭތީ، އެ މައްސަލަ ވެސް މިއަދު ނެގި ކޮމިޓީން ތަހުގީގުކުރުމަށް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ