މައުމޫނު ވިދާޅުވަނީ ހަނދު ނުފެންނާނެ ކަމަށް

މިއަހަރު ރަމަޝާން މަހުގެ ހަނދު މިއަދު އެއްވެސް އިސްލާމީ ގައުމަކަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމު ވިދާޅުވެއްޖެއެވެ.
މައުމޫން ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ހަނދު އިރު އޮއްސުމަށް ފަހު އެއްވެސް އިސްލާމޯ ގައުމަކަށް ނުފެންނާނެ ކަމަށާއި އެހެން ކަމުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހު 6 ވާ ހޯމަ ދުވަސް ކަމަށެވެ .
މައުމޫން މިހެން ވިދާޅުވިއިރު މި އަހަރުގެ ރަމަޟާން މަހަށް ހަނދުބެލުމުގެ މަސައްކަތް މިއަދު ކުރިއަށްދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފައެެވެ.
ޑީޖޭއޭ އިން ބުނީ ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މިއަދު ހަވީރު 5:30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށާއި، އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައި ކަމަށެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ.
ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށާއި އެހެން ކަމުން ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް ޑީޖޭއޭ އިން ބުންޏެވެ.
ޑީޖޭއޭ އިން ވަނީ ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޚަރަދު ދިނުމަށް ވެސް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ