އިންޓަނެޓްގެ ކުރިމަގު މިހާރު މިހާރު މިސްރާބު ޖަހާފައި އޮތީ 5ޖީ ޖީލަށެވެ. އިންޓަނެޓް ބޭނުންކުރާ މީހުން 5ޖީއާ މެދު ބޮޑެތި އުންމީދުތަކެއް ކުރަމުން ދިޔަ ނަމަވެސް، މި ޓެކްނޮލޮޖީ އާންމުވުމާ އެކު ކުރިމަތިވެދާނެ ބައެއް މައްސަލަތަކުގެ އިންޒާރުގެ ސިންގަލް މިހާރު ވެސް ވަނީ ލިބވެން ފަށައިފަ އެވެ.
ދުނިޔޭގެ މޫސުމާ ބެހޭ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި 5ޖީ އަކީ މޫސުން ލަފާކުރާ ގޮތަށް ނޭދެވޭ އަސަރުތަކެއްކޮށްފާނެ ކަމެކެވެ.
މިކަމާ ބެހޭ އިންޒާރު ދެމުން އެމެރިކާގެ ނެޝަނަލް އޯޝެނިކް އެންޑް އެޓްމޮސްފޮރިކް އެޑްމިނިސްޓްރޭޝަން (އެންއޭއޯއޯ) އާއި ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އިން ބުނީ 5ޖީ އިން، މޫސުން ލަފާކުރަން ބޭނުން ކުރާ ސެޓްލައިޓްތަކުގެ މަސައްކަތަށް ލޮޅުމެއް އަތުވެދާނެ ކަމަށެވެ.
"5ޖީގެ ސަބަބުން ސެޓެލައިޓްތަކަށް ވޯޓަ ވޭޕަ ޑިޓެކްޓް ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ،" އެންއޭއޯއޯ އިން ބުންޏެވެ. "މީގެ ސަބަބުން ހަރިކޭން ދެނެގެތުން ކަހަލަ ކަންކަމަށް ހުރަސް އަޅާނެ."
އެތަނުގެ އެކްޓިން އެޑްމިނިސްޓްރޭޓަރު ނީލް ޖެކޮބްސް ވިދާޅުވި ގޮތުގައި 5ޖީ ނެޓްވޯކް ބައްޓަންކުރަމުންދާ ގޮތަށް ބަލާ އިރު، މޫސުމާ ބެހޭ މައުލޫމާތު ހޯދުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވާނެ އެވެ.
"އޭގެ މާނައަކީ މިހާރު މޫސުން ލަފާ ކުރާ ގޮތަށް ތިރީސް ޕަސެންޓުގެ ވެއްޓުމެއް އަންނާނޭ. އޭގެ ނަތީޖާއަކީ މޫސުން ލަފާ ކުރަން ކުރާ މަސައްކަތް އެތައް އަހަރެއް ފަހަތަށް ދިއުން،" އޭނާ ވިދާޅުވި އެވެ. "މީގެ ސަބަބުން ހަރިކޭން ޓްރެކް ފޯކަސްޓް ކުރުން ކަހަލަ ކަންކަމަށް ވަރަށް ބޮޑު އަސަރެއްކޮށްފާނެ."
5ޖީއާ މެދު ކަންބޮޑުވުންތަކެއް ހުރި އިރު، މޫސުން ލަފާކުރާ ގޮތަށް ކުރާ ބުރޫ އެރުމަކީ އިންސާނީ ދަރިފަސްކޮޅަށް ވެސް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް މި ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެގޮތުން ދުރާލައި މޫސުމީ އެކި ކަހަލަ ކަންކަމަށް ތައްޔާރު ވާން ލިބޭ ފުރުސަތު 5ޖީގެ ސަބަބުން ހަނިވެދާނެ ކަމުގެ ބިރު ބޮޑުކަން ފާހަގަ ކުރެ އެވެ.
މޫސުން ލަފާކުރަން ދަތިވާ ސަބަބަކަށް 5ޖީ ވެދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ