ވެހިކަލް ދުއްވުން މަނާވާނީ އީދުގެ ފުރަތަމަ ދުވަހު ހަވީރު

ފިތުރު އީދުގެ ފުރަތަމަ ދެ ދުވަހުގެ ހަވީރު މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން ކައުންސިލުން މަނާކުރި ނަމަަވެސް، އެ ނިންމުން ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލުކޮށް، އުޅަނދު ދުއްވުން މަނާވަނީ ހަމައެކަނި އީދުގެ ފުރަތަމަ ދުވަހު ހަވީރު ކަމަށް ކަނޑައަޅައިފި އެވެ.
ކައުންސިލުން އީދުގެ ފުރަތަމަ ދެ ދުވަހު ހަވީރު 4:00 އިން ފެށިގެން 6:30 އާ ހަމައަށް މާލޭގެ މަގުމަތީގައި އުޅަނދު ދުއްވުން މަނާކުރީ މާލޭގައި ގިނަ އަދަދެއްގެ ރައްޔިތުން އުޅެމުންދާތީ އީދުގެ އުފާފާޅު ކުރުމުގެ ގޮތުން ދޮށީ އުމުރުގެ މީހުންނަށާއި، ކުޑަ ކުދިން މަގުމައްޗަށް ނުކުމެ ކުޅިވަރު ކުޅުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ޓްރާންސްޕޯޓުގެ ނިންމުމާ ގުޅިގެން މާލޭ ސިޓީ ޑެޕިއުޓީ މޭޔަރް ޝަމާއު ޝަރީފް ވިދާޅުވީ، ޓްރާންސްޕޯޓުގެ ނިންމުމާ އެއްގޮތަށް ކައުންސިލުން އަމަލުކުރާނެ ކަމަށެވެ. އަދި ކައުންސިލްގެ ނިންމުން މިހާރު ބަދަލުކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ނިންމުން ބަލައިގެނެފައިވާ ކަމަށެވެ.
އުޅަނދު ދުއްވުން މަނާ ގަނޑިތަކުގައި ދުއްވޭނީ ސަލާމާތީ ބާރުތަކުގެ އުޅަނދުތަކާއި، އެމްބިއުލާންސް އަދި ހާއްސަ އެހީ އަށް ބޭނުންވާ މީހުން ދުއްވުމަށް ހަމަޖެހިފައިވާ އުޅަނދުތަކަށެވެ. މީގެ ތެރެއިން ހާއްސަ އެހީ އަށް ބޭނުންވާ މީހުން އުޅަނދު ދުއްވުމަށް ކައުންސިލުން ހުއްދަ ނަގަން ޖެހެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސިޓީ ކައުންސިލުން ހުއްދަ ނަގައިގެން ދުއްވާ އުޅަނދުތަށް ވެސް ދުއްވަން ވަނީ އާންމުންނަށް ފެންނަ ގޮތަށް އެ އުޅަނދުގައި ހުއްދަ ހަރުކޮށްގެނެވެ. އަދި އެންގުމާ ހިލާފަށް އީދު ދުވަހުގެ ހަވީރު މާލެ އާއި ހުޅުމާލޭގައި ވެހިކަލް ދުއްވާ މީހުން 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށްވެސް ޓްރާންސްޕޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ