މެމްބަރު އާދަމް ޝަރީފްވެސް ވޯޓުދެއްވީ ފަނޑިޔާރު ދީދީ ވަކިކުރަން ފެންނަ ކަމަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި ހުންނެވި އަބްދުﷲ ދީދީ އެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
 
ސުލޫކީ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު ދީދީ އެ މަޤާމުން ވަކިކޮށްދިނުމަށް އެދި ޖޭ.އެސް.ސީން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ އިއްޔެއެވެ. އަދި ރޭ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ ފަނޑިޔާރު އަބްދުﷲ ދީދީ މަޤާމުން ވަކިކުރަން ފެންނަކަމަށެވެ.
 
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރު އަބްދުﷲ ދީދީ މަޤާމުން ވަކިކުރަން ފެންނަކަމަށް ނިންމީ 72 ދެ މެމްބަރުންގެ ވޯޓާއިއެކު މަޖިލީހުގެ އަޢުލަބިއްޔަތުންނެވެ. އެގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްވެސް ވޯޓު ދެއްވީ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރަން ފެންނަކަމަށެވެ.
 
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އާދަމް ޝަރީފްވަނީ ޖުޑިޝަރީ އިސްލާހުކުރަން ޖެހޭކަމަށާއި މިހާރުވެސް ބޮޑެތި މީހުންގެ މައްސަލަތައް ފަޓާސް ބަރިއެއްހެން ކުރިއަށްދާއިރު އަނިޔާވެރިކޮށް މަރާލާފައިވާ އަނަސްގެ މަރުގެ މައްސަލަވެސް ކުރިއަށް ނުދާކަން ފާހަގަކޮށް ކަންބޮޑުވުންފާޅުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.
 
މީގެ އިތުރުން މިއަދު މަޖިލީހުން މި ނިންމި ނިންމުމަކީ ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރަން ހުރި ކަންކަމުގެ ފެށުމެއްކަމަށްވެސް ގިނަ މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ