ވޯޓު ބަދަލުކުރީ އެންމެ މެމްބަރެއް ވެސް އިސްތިސްނާނުކޮށް ވަކިކުރަން ބޭނުންވާތީ: މެމްބަރު މީކާއިލް

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން މަގާމުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ނެގި ވޯޓު ބަދަލުކުރީ އެންމެ މެމްބަރެއްވެސް އިސްތިސްނާނުކޮށް ވަކިކުރަން ބޭނުންވާތީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
ބްރޯޑްކޮމްގެ މެމްބަރުން މަގާމުން ވަކިކުރުމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ކޮމިޓީއަށް ހުށަހެޅި ހުށަހެޅުމަށް ވޯޓު ނެގިއިރު، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މީކާއިލް ވެސް ވަނީ އެކަމަށް ތާއީދުކުރާކަން ހާމަކުރެއްވުމަށް އަތް ނަންގަވައިފަ އެވެ.
ނަމަވެސް ފަހުން މީކާއިލް ވަނީ އެކަމަށް ތާއީދު ނުކުރާ ކަމަށް ކޮމިޓީގެ މުގައްރިރަށް ދަންނަވައިފަ އެވެ.
ވޯޓު ބަދަލުކުރެއްވި ސަބަބާއި ގުޅޭ ގޮތުން ސީއެންއެމަށް މައުލޫމާތު ދެއްވަމުން މީކާއިލް ވިދާޅުވީ، މެމްބަރުން ވަކިކުރަން ވޯޓު ނެގިއިރު ބްރޯޑްކޮމްގެ އެއް މެމްބަރުގެ ނަން ނުހިމެނޭކަން އޭނާ އަށް ސާފު ނުވާ ކަމަށެވެ.
އަދި އެކަން އެނގުމާއެކު ވޯޓު ބަދަލުކުރެއްވީ ގަނޑުކޮށް މެމްބަރުން ވަކި ކުރާނަމަ އެންމެ މެމްބަރެއް ވެސް އިސްތިސްނާވެގެން ނުވާނެ ކަމަށް ދެކޭތީ ކަމަށެވެ.
"ކޮމިޓީގަ ހުށަހެޅުނީ މެމްބަރު ޒީނާ ފިޔަވައި އެހެން ހުރިހާ ކޮމިޝަން މެމްބަރުން ވަކި ކުރަން. ހުރިހާ މެމްބަރުން އެއްކޮށް ވަކިކުރަން ބޭނުން ވާތީ އަޅުގަނޑު ވޯޓު ބަދަލު ކުރީ، އެއީ އަޅުގަނޑު އެއްވެސް މެމްބަރެއް ސަލާމަތް ކުރަން ކުރި ކަމެއް ނޫން،" މީކާއިލް ވިދާޅުވި އެވެ.
ބްރޯޑްކޮމްގެ މެމްބަރު ޒީނާ ހުރީ ވިހެއުމުގެ ޗުއްޓީގައި ކަމުން ފަހުގެ ތާރީހެއްގައި ކޮމިޓީ އަށް ވަޑައިގަންނަވާނެ ކަމަށް މަޖިލީހަށް ވަނީ ސިޓީ އެއް ހުށަހަޅާފަ އެވެ.
މީކާއިލް ވިދާޅުވީ ޒީނާ މެޓާނިޓީ ލީވްގައި ހުންނަވާ ވިހެއިތާ މިހާރު ދެމަސްވެފައިވާ އިރު އަދިވެސް ކޮމިޓީއަށް ހާޒިރުވެފައި ނުވާ ކަމަށެވެ.
މީކާއިލް ވިދާޅުވި ގޮތުގައި ޒީނާ ފިޔަވައި ކޮމިޓީގެ ހުރިހާ މެމްބަރުންގެ ވަކިކުރަން ނެގި ވޯޓު އެއްވަރުވުމުން، އެކަމުގައި ކޮމިޓީގެ މުގައްރިރު ވޯޓު ނުދެއްވާ މީކާއިލްގެ ވޯޓު ބާތިލް ކުރެއްވީ އެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގައި ވޯޓު އެއްވަރުވެއްޖެ ނަމަ މުގައްރިރަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ އެވެ.
އިއްޔެގެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ ރައީސް ޝަހީބާއި ނައިބު ރައީސް ޒައިނާ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ޝަހީބާއި ޒައިނާ ވަކިވުމުން ބްރޯޑްކޮމްގައި ބާކީ ތިއްބަވާނީ ޒީނާގެ އިތުރުން މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ.
އެ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ހަސަން ނަބާހާއި ކޮމިޝަން މެމްބަރު އިސްމާއިލް ސޮފްވާން ވަނީ މަޖިލިހުން މައްސަލަ ބަލަން ފެށުމާ އެކު އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ