ރަސްމީ ދަތުރެއްގައި ވަރަށް އަވަހަށް ޗައިނާ އަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު އެހެން ވިދާޅުވީ އެމަނިކުފާނު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެއްވުމުން މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ ފާއިތުވި އަށް މަސް ދުވަހު 19 ގައުމަކަށް ވަޒީރު ދަތުރުކުރައްވާފައިވާ އިރު އޭގެ ތެރޭގައި ޗައިނާ ނުހިމެނީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ.
ޝާހިދު ވިދާޅުވީ ގައުމުތަކަށް ކުރައްވަމުންދާ ދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ ބައިނަލްއަގްވާމީ މުޖުތަމައު އިން ރާއްޖެ ބާކީވެފައި އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށެވެ. އެގޮތުގެ މަތިން ވަރަށް އަވަހަށް ޗައިނާ އަށް ވެސް ދަތުރެއް ކުރުމަށް ހަމޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މިއަހަރުގެ ތެރޭގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާ އަށް ބަހުގެ ހަމަލާތަކެއް ދިނުމުން ދެގައުމުގެ ގުޅުމާއި މެދު ވަނީ ކަންބޮޑުވުންތަކެއް އުފެދިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ނެގި ލޯނުތަކަށް ދަރަނީގެ ގޮތުގައި ރާއްޖެ އިން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވުމުން އެ ވާހަކައަށް ރައްދު ދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިއޮން އެވެ.
އިންޓްރެސްޓް ބޮޑުކޮށް ޗައިނާ އިން ދިން ލޯނުތަކުން ރާއްޖެ ދަރާފައިވާ ކަމަށް ނަޝީދު މީގެ ކުރިން ވިދާޅުވުމުން ވެސް ސަފީރު ވަނީ ތަރައްގީ އަށް އެހީވުން ނޫން އެޖެންޑާއެއް ޗައިނާގެ ނެތް ކަމަށް ވިދާޅުވެ ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވައިފަ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ