ފަތުރުވެރިކަމުގެ ދާއިރާގެ ފަސްވަނަ މާސްޓާ ޕްލޭން މިރޭ އިފްތިތާހުކުރަނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއަށް އޮތް ފަސް އަހަރުގެ މާސްޓާ ޕްލޭން މިރޭ އިފްތިތާހުކުރުމަށް ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިރޭ އިފްތިތާހުކުރާ ފަސްވަނަ މާސްޓަ ޕްލޭން އެކުލަވާލާފައިވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ މަޝްވަރާ އާއި ޚިޔާލުތައް ހޯދައިގެން ކަމަށެވެ. މީގެއިތުރުން ސަރުކާރުން ބޭއްވި ގެސްޓްހައުސް ސިމްޕޯޒިއަމްގައި ހުށަހެޅުނު ހިޔާލުތައްވެސް މާސްޓަ ޕްލޭންގައި ހިމަނާފައިވާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މާސްޓަ ޕްލޭން އިފްތިތާހުކުރުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ.
ފަތުރުވެރިކަމުގެ މާސްޓާ ޕްލޭންގައި އަލިއަޅުވާލަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމުން ލިބޭ ފައިސާ ރާއްޖޭގެ އިގްތިސޯދުގައި ހިފެހެއްޓޭނެ ގޮތްތައް ހޯދާ ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމާއި، ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަންތަން ފަތުރުވެރިކަމުގެ ތެރެއިން ދިރުވާ އާލާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އެ ސިނާއަތު ތަރައްގީކުރުމަށާއި، އަންހެނުންގެ ހިއްސާ މިދާއިރާގައި އިތުރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިމެނެ އެވެެ.
މީގެެތުރުން ޓޫރިޒަމްގެ ސިނާއަތަށް މެދުވެރިވެދާނެ ހާދިސާތަކުން ރައްކާތެރިވުމާއި އެފަދަ ހާދިސާއެއް މެދުވެރިވެއްޖެ ހިނދެއްގައި ފުރާނަ ސަލާމަތްކުރުމަށް އެކުލަވާލާފައިވާ ''ބީޗް ސްކައުޓް'' އިފްތިތާހު ކުރުންވެސް މި ރަސްމިއްޔާތުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފެށުން އިފްތިތާހު ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިރަސްމިއްޔާތުގައި މި އަހަރުގެ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްވެސް އިފްތިތާހް ކުރާނެ ކަމަށެވެ. އަދި ލައިފް ގާޑު ޕްރޮގްރާމް ވެސް މިރަސްމިއްޔާތުގެ ތެރޭގައި އިފްތިތާހް ކުރުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ