ޕީޕީއެމްގެ މެންބަރުން ރައީސް މައުމޫން ދޫކޮށްލުމަށް އަޑުއުފުލަންޖެހޭ: ޖަމީލު

ގައުމަށް ކުރެއްވި ޚިދުމަތާއި، ޕީޕީއެމް އުފެއްދެވި ބޭފުޅާގެ ހައިސިއްޔަތުންވެސް ޕީޕީއެމްގެ މެންބަރުން ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލަންޖެހޭކަމަށް މި ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައިވެސް ހުންނެވި ޑރ ޖަމީލު މިކަމަށް ގޮވާލެއްވީ ރައީސް މައުމޫން މިނިވަންކުރުމަށް ގޮވާލާ ކުރައްވަވާފައިވާ ޓްވީޓެއްގައެވެ.
ޖަމީލު ވިދާޅުވީ ރައީސް މައުމޫނަކީ ކުށްވެރިއެއް ނޫންކަމަށެވެ. އަދި އެމަނިކުފާނުގެ ހަމައެކަނި ކުށަކީ މި ސަރުކާރުގެ ގައިރު ގާނޫނީ ކަންތައްތަކާއިމެދު ބަސް ވިދާޅުވުންކަމަށް ޖަމީލު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ވަޒީރުކަންވެސް ކުރައްވާފައިވާ ތަޖުރިބާކާރު ސިޔާސީ ލީޑަރު އިތުރަށް ވިދާޅުވީ ގައުމަށް ކުރެއްވި ޚިދުމަތާއި، ޕީޕީއެމް އުފެއްދެވި ބޭފުޅާގެ ހައިސިއްޔަތުންވެސް ޕީޕީއެމްގެ މެންބަރުން ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލަންޖެހޭކަމަށެވެ.
ގިނަ ތުހުމަތުތަކެއް ކުރެއްވުމަށްފަހު ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ބަންދުކުރެވުނު ފަހުން 100 އެތަށް ދުވަހެއް ވަނީ ފާއިތުވެގެންގޮސްފައެވެ. ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ މިސަރުކާރުން ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހުއެވެ.
ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވަންޖެހިވަޑައިގަތުމާއި، އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމާއި ގުޅިގެން ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ރައީސް މައުމޫނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ (ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެއް ކަމަށްވެސް އާއިލާއިން ބުނެއެވެ.
އެހެންކަމުން އެމަނިކުފާނު އެކަހެރިކޮށް ޖަލުގައި ހުންނަވަނިކޮށް ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ވަނީ ބުނެފައެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅާއިމެދު ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްވެސް ވަނީ މުއައްސަސާތަކުގައި އެކަމަށް އެދިވަޑައިގެންފައެވެ. އަދި ފުލުހުންނާއި ޕީޖީއަކީވެސް ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ ހާލުކޮޅު ބެލެހެއްޓޭނެ އަދި ބަލަހައްޓާނޭ ބައެއްކަމަށްވެސް ގަބޫލުފުޅުނުކުރައްވާ ކަމަށް ނަސްރީނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ