ތިނަދޫއަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައިން ކުރަނީ

އަންނަ ހުކުރު ނުވަތަ  ހޮނިހިރު ދުވަހުގެ ނިޔަލަށް ތިނަދޫގެ ހުރިހާ ގެޔަކަށް ވަގުތީ ކަރަންޓް ފޯރުކޮށް ދެއްވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ.ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެރަށުގެ ކަރަންޓުގެ މައްސަލަ ޢާންމު ޙާލަތަކަށް ބަދަލުވަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން އެރަށުން ކަރަންޓު ކެނޑިފައިވާތީ، ކަރަންޓު އަލުން ފޯރުކޮށްދެއްވުމަށް ފެނަކަ ކޯޕަރޭޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާ ކުރައްވަމުން އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ ތިނަދޫއަށް ދާއިމީ އިންތިޒާމެއްގެ ދަށުން ކަރަންޓްގެ ޚިދުމަތް ދެވޭވަރުވާނީ ދެ މަހެއްހާއި ދުވަހުގެ ތެރޭގައިކަމަށެވެ. ދެ މަހެއްހާ ދުވަސް ހޭދަވާނީ އިންޖީނުގެ އަލުން އިމާރާތްކުރުމަށާއި ޖެނެރޭޓަރުތައް އޯޑަރުކޮށްގެން ގެންނަޖެހޭތީކަން ނިމާލް ވިދާޅުވިއެވެ.ތިނަދޫއަށް ދިމަވާފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީކޮށް ހައްލުކުރުމަށް ދެމަހެއްހާ ދުވަސް ނެގި ނަމަވެސް ވަގުތީ ކަރަންޓް ފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތުން އެރަށުގެ ކަރަންޓުގެ މައްސަލަ ޢާންމު ޙާލަތަކަށް ބަދަލުވަމުންދާކަން ނިމާލް ފާހަގަކުރެއްވިއެވެ. މިގޮތުން ކަރަންޓު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުން މިހާރު ހޮސްޕިޓަލަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވިފައިވާކަމަށާއި ތިނަދޫގައި ހުރި ސްކޫލްތަކަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދީ މާދަމާ ކިޔެވުން ފެށޭވަރަށް އެޚިދުމަތް ފޯރުކޮށްދެއްވާނެކަމަށް ނިމާލް ވިދާޅުވިއެވެ.ތިނަދޫގެ ކަރަންޓުގެ މައްސަލައަށް ވަޤުތީ އިންތިޒާމެއްގެ ދަށުން ޙައްލު ހޯދުމަށްޓަކައި މާލެއިން ފޮނުވާ ޖަނަރޭޓަރ މިރޭގެ ވަގުތެއްގައި ތިނަދޫއަށް ފޮނުވާލެވޭނެކަމަށް ނިމާލް ވިދާޅުވިއެވެ. އަދި ހުކުރު ދުވަހު އެ ޖަނަރޭޓަރ ތިނަދޫއަށް ގެންދެވޭނަކަމަށް ނިމާލް ވިދާޅުވިއެވެ. ނިމާލް ވިދާޅުވީ ތިނަދޫއަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތަށް މޫސުން ގޯސްވުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށާއި، ހޮނިހިރު ދުވަހާއި ހަމަައަށް ވަގުތީ އިންތިޒާމެއްގެ ދަށުން ތިނަދޫގެ ކަރަންޓުގެ މައްސަލައަށް ޙައްލެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނިމާލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ