ސަރުކާރުގެ 24 ގަޑިއިރު ކަރަންޓު ޔަގީން ސިޔާސަތުގެ ދަށުން، އެއްމިންގަނޑެއްގައި އެއް ފެންވަރެއްގައި ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަން އުފައްދާފައިވަނީ 2012 ވަނަ އަހަރުއެވެ. ފެނަކަ ކޯޕަރޭޝަންގެ ދަށުން ގިނަ ރަށްތަކަކަށް އަންނަނީ ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ޙިދުމަތް ދެމުންނެވެ. ފެނަކަ ކޯޕަރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފެނަކަ ކޯޕަރޭޝަންގެ ފަސް އަހަރުގެ މާޒީގައި ކަރަންޓުގެ ޚިދުމަތަށް 486 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި ހިސާބުތަކަށް ބަލާއިރު 240 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވަނީ ރަށްރަށަށް ބޭނުންވާ ޖަނަރޭޓަރ ހޯދުމަށްކަމަށް ފެނަކައިން ބުނެއެވެ. އެގޮތުން 150 އަށްވުރެ ގިނަ ޖަނަރޭޓަރ ހޯދާ އަތޮޅުތެރެއަށް ފޮނުވާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް 54 ސިންކްރޮނައިޒިންގ ޕެނަލް ހޯދުމަށް 45 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ކޭބަލް ނެޓްވޯކް ރަނގަޅުކުރުމަށް ކޭބަލް ގަތުމަށް 78 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މީގެ އިތުރުންވެސް ޓްރާންސްފޯރމަރ އަދި ޑީ.ބީ ފޮށި ގަތުމަށް 50 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އިންޖީނުގެތައް ތަރައްގީކޮށް ރައްޔިތުންނަށް އުނދަގުވާގޮތަށް ރަށު މެދުގައި ހުރި އިންޖީނުގެތަކާއި، ދުވަސްވެ ބާވެފައިވާ އިންޖީނުގެތައް މީހުން ނޫޅޭ ހިސާބުތަކަށް ބަދަލު ކުރުމަށް 86 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ސަރުކާރުގެ 24 ގަޑިއިރު ކަރަންޓު ޔަގީން ސިޔާސަތުގެ ދަށުން މިހާރު ފެނަކައިން ހިންގަމުން އަން ބައެއް ޕްރޮޖެކްޓްތަކުގެ ތެރޭގައި 48 ރަށެއްގައި އިންޖީނު ބަދަލުކުރުމުގެ ޕްރޮގްރާމްތަކާއި ކުންފުނިން ޚިދުމަތްދޭ 16 އަތޮޅުގައި ސޭލްސް ސެންޓަރ ޤާއިމްކުރުމާއި، ސަރވިސް ސެންޓަރެއް ޤާއިމުކުރުމާއި އިންޖީނުގެތަކަށް ބެކަޕް ޖެނެރޭޓަރ ސެޓްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހިމެނެއެވެ.
ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތްވެސް އަންނަނީ ގިނަ ރަށްތަކަކަށް ފޯރުކޮށްދެމުންނެވެ. ފެނަކައިން 32 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ދެމުން އަންނައިރު 29 ރަށަކަށް އަންނަނީ ފެނުގެ ޚިދުމަތް ދެމުންނެވެ. ފެނާއި ނަރުދަމާގެ މަސްރޫޢުތަކަށް އަހަރަކު 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފެނަކައިން ބުނެއެވެ.
ކަރަންޓުގެ ޚިދުމަތް ތަރައްޤީކުރުމަށް 486 މިލިއަން ރުފިޔާ!!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ