އުއްމީދުތައް ވަރަށް އަވަހަށް ހާސިލުވާނެ: މައުމޫން

ދިވެހިންގެ އުއްމީދުތައް ވަރަށް އަވަހަށް ހާސިލުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، އާ އަހަރު ފެށުމާ ގުޅިގެން އެމަނިކުފާނު ދެއްވި މެސެޖެއްގަ އެވެ. އާ އަހަރުގެ ހެޔޮ އެދުންތަކާއެކު ރައީސް މައުމޫން ވިދާޅުވީ، 2018 ވަނަ އަހަރަކީ އާ އަހަރަކަށްވުން އާ އުއްމީދުތަކެއް ހުންނާނެ ކަމަށެވެ. ދިވެހީންގެ އުއްމީދުތައް ވަރަށް އަވަހަށް ހާސިލު ވެސް ކުރެވޭނެ ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެ މެސެޖެއް ދެއްވިއިރު، އެމަނިކުފާނާ އިއްތިހާދުވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެފަދަ މެސެޖެއް ދެއްވާފަ އެވެ.
ރައީސް ނަޝީދު އާ އަހަރުގެ ތަހުނިޔާއާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އަހަރަކީ ވިސްނުންތެރިކަމާ ހިކުމަތްތެރިކަން އިސްކުރަންވީ އަހަރެއް ކަމަށެވެ.
"އަޅުގަނޑުގެ މުޅި އަމާޒަކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެއް އެންޑިޑޭޓަކު ނެރެ، ރައީސް އަބްދުﷲ ޔާމީން ބަލިކޮށް ދިވެހިރާއްޖެ ދިވެހިންނަށް އަނެއްކާވެސް ހޯދާ ދިނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މި އަހަރު އެންމެ މުހިންމު ވަނީ ރިޔާސީ އިންތިހާބާ ގުޅިގެންނެވެ. ރައީސް މައުމޫން އަދި ރައީސް ނަޝީދު ވެސް އަމާޒު ހުންނެވީ ރައީސް އަބްދުﷲ ޔާމީން އިންތިހާބުގައި ބަލިކުރުމަށެވެ. ނަމަވެސް އިދިކޮޅު ކެންޑިޑޭޓެއް މިހާތަނަށް ވަނީ ނުދެއްކި އެވެ. އެއް ކެންޑިޑޭޓެއް ނެރުމުގެ ވާހަކަތައް ވެސް ދަނީ ދެކެވެމުންނެވެ. އެކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. ކޮންމެ ޕާޓީއަކުން ވެސް ކެންޑިޑޭޓެއް ނެރެން ބޭނުންވާތީ، އެއް ކެންޑިޑޭޓަކާ ގުޅޭ ގޮތުން އިއްތިފާގުންވާން އުނދަގޫވާނެ ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.
އިދިކޮޅު ކޮންމެ ޕާޓީއަކުން އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް، ދެވަނަ ބުރުގައި އެއްކޮށް ވާދަކުރުމަކީ ވެސް ގާތް ކަމެއް ކަމަށް ބައެއް ޕާޓީތަކުން ބުނެފައިވެ އެވެ. ކޮންމެ ގޮތަކަށް އިންތިހާބުގައި ވާދަކުރި ނަމަވެސް ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ