ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒް އަށް ކުރިން ދޫކޮށްފައި އޮތް، ހދ.ހޮނޑައިދޫ ސަރުކާރުން އިތުރު ބޭނުމަކަށް ނަގަން ބޭނުންވާތީ އެ ރަށުގެ ބަދަލުގައި ދޭން ބުނި ރަށް އަދިވެސް ދެއްވާފައި ނުވާތީ، ޖާބިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޖާބިރު "ވަގުތަށް" ވިދާޅުވީ އެ ރަށް ނަގާފައި ވަނީ ފަތުރުވެރިކަމުގެ ވުޒާރާއިން އެތަނުގައި ފަތުރުވެރިކަން ތަރައްޤީކުރަން ބޭނުންވާ ކަމަށް ވިދާޅުވުމަށް ފަހުގައި ކަމަށެވެ. އަދި އެ ރަށުގެ ބަދަލުގައި ޔޮޓްޓުއާޒްއިން ބެނުންވާ ރަށެއް ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެ ރަށުގެ ބަދަލު ދިނުމަކާއި ނުލާ، ހޮނޑައިދޫ ޔޮޓްޓުއާޒް އަތުން ނަގާފައިވުމަކީ އިންސާފެއްކަމަށް ޤަބޫލު ނުކުރައްވާކަމަށް ޖާބިރު ވިދާޅުވިއެވެ.
ބޮޑެތި އިންވެސްޓެމްންޓްތަކަށް ތައްޔާރުވާއިރު، ސަރުކާރުން ކޮށްދެއްވަން ޖެހޭކަމެއް ނުވެގެން ކަންކަން ހުއްޓުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މި މައްސަލައިގައި ތަކުރާރުކޮށް ކަމާއި ބެހޭ އިދާރާތަކަށް ލިޔެގެންވެސް އެކަށީގެންވާ ހައްލެއް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"މަަސައްކަތް ކުރަމުން ދަނިކޮށް އެތަން ވަކިކުރި. މިފަހަރު ޓޫރިޒަމްއިން ބުނަނީ އެތާ ރިސޯޓެއް އަޅަން. ބަދަލު ނުދީ އެރަށް ވަކިކުރުން. މިއީ އަޅުގަނޑުމެން އިންވެސްޓްކޮށްފައި އޮތް ރަށެއް. މިހެން ވެގެން ނުވާނެ ނޫންތޯ. އަޅުގަނޑުގެ ސުވާލަކީ ނިންމާ ބަޔަކު ނިންމަންދެން، ހޮނޑާދޫ ވަކިކުރެއްވީ ކީއްވެތޯއޭ. މިހާރު ކިހާބޮޑު ގެއްލުމެއްތޯ އަޅުގަނޑަށް." ޖާބިރު ވިދާޅުވިއެވެ.
މި މައްސަލައިގައި ގިނަ ސިޓީތަކެއް ޔޮޓްޓުއާޒް އާއި ފިޝަރީޒް މިނިސްޓްރީއާއި އަދި ކަމާއި ބެހޭ އެހެނިހެން އިދާރާތަކާއި އެކު ބަދަލުކުރެވިފައި އެބަހުއްޓެވެ.
އެގޮތުން ހދ. ހޮނޑައިދޫއާ ގުޅޭގޮތުން ޔޮޓްޓުއާޒް ކުންފުނީގެ ފަރާތުން 4 ނޮވެންބަރު 2018ގައި ފޮނުވި ސިޓީގެ ޖަވާބުގައި 19 މާރޗް 2019އިގައި ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކިއުރިޓީ ޑރ.އާމިނަތު ޝާފިއާ ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީ އާއި އެ ކުންފުންޏާއި ދެމެދު 30 ޖަނަވަރީ 2003 ގައި ސޮއިކޮށްފައިވާ "ހދ. ހޮނޑައިދޫ" ކުއްޔަށް ދިނުމާބެހޭ އެގްރީމަންޓާއި ގުޅިގެން، 26 ނޮވެންބަރު 2012 ގެ ނިޔަލަށް އެ އެއްބަސްވުމުގެ 19 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އިންވެސްޓްމަންޓްގެ ތަފްސީލާއި، 20 ވަނަ މާއްދާގައި ބަޔާންކުރާ މަސައްކަތު ރިޕޯޓްތައް އެ ސިޓީގެ ތާރީޚުން(19 މާރޗް 2019)އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ފޮނުއްވުމަށް ވަނީ އެދިލައްވާފައެވެ.
އެގޮތުން ރަށުގައި ކުރެވޭ މަސައްކަތުގެ ރިޕޯރޓުގައި މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ މަސައްކަތުން ރަށުގައި އުފައްދާ ނުވަތަ ތައްޔާރު ކުރާ އެއްޗެތީގެ ތަފްސީލާއި އެތަކެތީގެ ތަފާސްހިސާބު ހުށަހެޅުމަށް އެދިފައިވެއެވެ.
އެއާއި އެކު ޑިސެމްބަރު މަހުގެ މެދެއްހާ ހިސާބުގައި އެ މައްސަލައިގައި ކުރި މަޝްވަރާތަކަށް ފަހު ޔޮޓްޓުއާޒްއިން ބޭނުންވި ރަށްތަށް ހުށަހެޅުއްވިކަމަށާ، އެ ހުށަހެޅުއްވުންތަކަށް ފަހު ޔޮޓްޓުއާޒް އަށް ބަދަލުގެ ގޮތުގައި އެހެން ރަށެއް ދެއްވަން ފިޝަރީޒް މިނިސްޓްރީން އެއްބަސްވި ކަމަށް އެ ކުންފުނިން ފާހަގަކުރައްވައެވެ.
ހދ.ހޮނޑައިދޫ ޔޮޓްޓުއާޒްގެ ކިބައިން ވަކިކުރުމުން، ލިބުނު ގެއްލުމުގެ ބަދަލް ދިނުމުގެ ގޮތުން، ހދ. ހޮނޑައިދޫގެ ބަދަލުގައި ހަމަޖައްސަވައި ދެއްވާރަށަކީ "އދ. އެރިއަދޫ" ކަމަށް ހަމަޖައްސަވައި ދެއްވުން އެދި 30 ޑިސެމްބަރ 2017 ތާރީޚުގައި އެދުނު ނަމަވެސް އެ ފަދައިން "އދ. އެރިއަދޫ" ހަމަޖައްސަވައި ދެއްވެން ނެތް ކަމަށާއި، ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ރަށްތަކުގެ ތެރެއިން އެހެން ރަށެއް ހަމަޖައްސަވައި ދެއްވިދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.
އޭގެ ފަހުން މި މައްސަލައިގައި ޔޮޓް ޓުއާޒްއިން ވަނީ ފިޝަރީޒް މިނިސްޓްރީއަށް މި އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުވެސް ސިޓީއެއް ފޮނުއްވާފައެވެ.
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް އެޑްރެސްކުރައްވާ ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައި ވަނީ، ފަތުވެރިކަން ތަރައްޤީ ކުރުމަށް މިސަރުކާރުން ކަނޑައެޅުއްވި ރަށްތަކުގެ ތެރޭގައި "ހދ. ހޮނޑައިދޫ" ހިމަނުއްވައި، އެރަށް މިކުންފުނީގެ ކިބައިން ވަކިކުރައްވަން ނިންމެވުމާއި ގުޅިގެން، ދެފަރާތުގެ މެދުގައި މަޝްވަރާ ކުރުމަށް އެ މިނިސްޓްރީއާއިއެކު 16 ޑިސެމްބަރ 2017 ދުވަހު ބޭއްވުނު ބައްދަލުވުމުގައި ވާހަކަ ދެކެވުނު ގޮތުގެ މަތިން (އަދި ޔޮޓްޓުއާޒްއިން ބޭނުންވާ ރަށެއް ދިގު މުއްދަތަށް މިކުންފުންޏަށް ދެއްވާގޮތަށް ސަރުކާރުން ހަމަޖައްސަވައި ދެއްވައިފިނަމަ، ގެއްލުމުގެ ބަދަލު ހޯދުމަށް ސަރުކާރުގެ މައްޗަށް ދަޢުވާނުކޮށް ދޫކޮށްލާ ގޮތުގެމަތިން) "ހދ. ހޮނޑައިދޫ" ގެ ބަދަލުގައި އެހެން ރަށެއް ހަމަޖައްސާ ދިނުމަށް ޔޮޓް ޓުއާޒްއިން އެދުނު އެދުމާއި ގުޅިގެން، އެ ކުންފުނިން އެއްބަސްވި ގޮތުގެމަތިން ރަށެއް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އަދި އެ ކުންފުނިން ބޭނުންވާ ރަށެއް ފިޝަރީޒް މިނިސްޓްރީއަށް އެންގެވުމުން އެކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން (އެބައްދަލުވުމުގައި) ފިޝަރީޒް މިނިސްޓްރީން ދެއްވާފައިވާ ކަމަށާ، އެ ކުންފުނިން ބޭނުންވާ ރަށެއް ބަލައި، އެރަށް އެ ކުންފުންޏަށް ދެއްވުމުގެ މަރުޙަލާ ނުނިމި ވަނިކޮށް "ހދ. ހޮނޑައިދޫ" ޔޮޓްޓުއާޒްގެ ކިބައިން ވަކިކުރައްވައި، ފަތުރުވެރިކަމަށް އިޢުލާނު ކުރައްވާފައިވާތީ އެކަމާއި މެދު އެ ސިޓީގައި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
އެހެންކަމުން ދެފަރާތް އެއްބަސްވާ މިސެޓެލްމަންޓުގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް އިތުރު ބަދަލެއް އަދި ދައުވާއެއް ނެތް ގޮތުގެމަތިންދެފަރާތުގެ މެދުގައި (ދ. މާދެލި ޙަވާލު ކުރުމުގެ) އެއްބަސްވުމެއްގައި އަވަސް މުއްދަތެއްގައި ސޮއިކޮށް އެރަށް އެ ކުންފުންޏާއި ޙަވާލު ކޮށްދެއްވުން އެދި ވަނީ ދަންނަވާފައެވެ.
އޭގެ ފަހުންވެސް ޔޮޓްޓުއާޒްއަށް ދޭން ރަށަކާއި މެދު ފިޝަރީޒް މިނިސްޓްރީއާއި އެކު އެ ކުންފުނިން ވަނީ ވާހަކަދައްކަވާފައެވެ. އެ މަޝްވަރާތަކުން ހައްލެއް ނުލިބި ވަނިކޮށް، މިނިސްޓަރ އޮފް ފިޝަރީޒް މިނިސްޓަރ ޒަހާ އަށް، އެޑްރެސްކުރައްވާ ޔޮޓްޓުއާޒް މޯލްޑިވްސް ކުންފުނީގެ ފަރާތުން މިއަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، "ހދ. ހޮނޑައިދޫ" ގެ ބަދަލުގައި "ދ. މާދެލި" ދިނުމަށެވެ.
އެ ރަށަކީ މެދުރާއްޖެ ތެރޭގައި ވަރަށް މުހިންމު ސަރަޙައްދެއްގައި އޮންނަ ރަށަކަށްވާތީ، އެރަށުގައި އެ ކުންފުނިން ކުރަން ޤަޞްދުކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަށް އެ ސިޓީގައިވެއެވެ.
އަދި ދަނޑުގޮވާމުގެ މަސައްކަތުން އެކަށީގެންވާ ފުޑް ރިޒާވްއެއް އެރަށުގައި ޤާއިމު ކުރުމަށް އެ ކުންފުނިން ބޭނުންވާތީ ދުނިޔޭގައި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އެމެރިކާ، އިޒްރޭލް، ޗައިނާ ފަދަ ޔޫރަޕިއަން ޤައުމުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަދި އެކަމަށްބޭނުންވާ އެންމެހާ ވަޞީލަތްތަކާއި އެކު ދަނޑުވެރިކަން ކުރިއަށް ގެންދަން ޔޮޓް ޓުއާޒްއިން ވިސްނާގައި އޮތް އޮތުމުގެ މައްޗަށް އެޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުންވާކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެ މަސައްކަތް ކުރެވޭނީ ލެބޯޓަރީ ޓެކްނީޝަނުންނާއި، ޕްރޮފެސަރުންނާއި، ކޮންސަލްޓެންޓުން ރާއްޖެއަށް ގެނެސް އެރަށުގައި އެބައިމީހުންނަށް ތިބެވޭނެ ގޮތުގެމަތިން ޢިމާރާތްތަކާއި ތަންތަނާއި ފެސިލިޓީސް އެރަށުގައި ޤާއިމު ކުރެވި، އަދި އެބައިމީހުންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދެއްވުމުންކަން އެ ސިޓީގައި ފާހަގަކުރެއްވިއްވެެ.
ޔޮޓްޓުއާޒް އިން ވަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިތުރުން 'ދ. މާދެލި" ގައި މަސްވެރިކަމުގެ ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި ރާއްޖޭގެ އުތުރާއި ދެކުނުގައި މަސްކާރުހާނާތައް ހެދިފައި ހުރިއިރު މެދު ރާއްޖެތެރޭގައި އެފަދަ ކާރުޚާނާއެއް ނެތުމުން ދ. މާދެލީ ގައި މަސް ކާރުޚާނާއެއް ޤާއިމު ކުރެވިއްޖެނަމަ، އެކަން ވެގެންދާނީ މެދުރާއްޖެތެރޭގެ މަސްވެރިންނަށާއި، އަދި މުޅި ރާއްޖޭގެ އެންމެހާ މަސްވެރިންނަށްވެސް ލިބޭނެ ވަރަށްބޮޑު ހިތްހަމަ ޖެހުމަކާއި ފަސޭހައަކަށްވުމުގެ އިތުރުން، އެކަމަކީ މަސްވެރިކަމުގެ ސިނާޢަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ދ. މާދެލީގައި ޔޮޓްޓުއާޒްއިން ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ވިސްނާފައިވާ އެންމެ މުހިންމު ދެ މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދުގައި ޙިއްސާކުރާ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކަމަށް އެ ކުންފިނިން ވިދާޅުވެއެވެ.
އެހެންކަމުން އެރަށުގެ ބަނދަރު ވެސް "އިންޓަނޭޝަނަލް ފެންވަރަށް" ހަދަންޖެހޭނެ ކަމަށާއި އެރަށުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި އެރަށުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރެވޭ ދަނޑުވެރި ކަމަށް ހަދާނެކަމަށް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަށްދާގޮތް ބަލާލުމަށް ނުވަތަ އެކަންކަން ތަޖުރިބާކޮށްލުމަށްޓަކައި ރާއްޖޭގެ އެކިއަތޮޅުތަކުން މީހުން އެރަށަށް ޒިޔާރަތްކުރާނެތީ، ދ. މާދެވީ އޭ ކިޔާރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެރަށަށް އައިސް، ގޮސް އުޅުމަށް ފަސޭހަވާނެ ގޮތުގެމަތިން ސީޕްލޭން ޓާމިނަލަކާއި، އަދި ހެލިޕޭޑެއް އެރަށުގައި ޤާއިމު ކުރުމަށްވެސް އެ ކުންފުނިން ވިސްނާފައިވާކަން ހާމަކުރެއްވިއެވެ.
އެހެން ނަމަވެސް އެ އެންމެހާ ކަންކަމަށް ކުރެވޭ އިންވެސްޓްމަންޓުގެ ފުރަތަމަ ފޭސްގައި އެކަނި 30 (ތިރީސް) މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ. އަދި އެ ކުންފުނިން މިވަރުގެ އިންވެސްޓްމަންޓެއް ފުރަތަމަ ފޭސްގައި ކުރެވޭނީ، އެކަމަށްޓަކައި ސަރުކާރުން ލިބެންޖެހޭ ހުއްދަތައް ދެއްވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވުމުން ކަމަށް ޔޮޓްޓުއާޒްއިން ވިދާޅުވެއެވެ. ނުވަތަ "ދ.މާދެލި ކުއްޔަށް ދިނުމަށް ކުރެވޭ އެގްރީމެންޓްގެ މުއްދަތަކީ މިފަދަ ޕްރޮޖެކްޓެއް ހިންގުމަށް އެކަށީގެންވާ ދިގު މުއްދަތެއްކަމުގައި ވެގެންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެހެންކަމުން "ދ، މާދެލީ" އެ ކުންފުންޏާއި ހަވާލު ކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީ އާއި ޔޮޓްޓުއާޒް އާއި ދެމެދު ސޮއިކުރެވޭ އެގްރިމެންޓް ގައި، އެރަށުގައި، އެ ކުންފުނިން ކުރަން ޤަޞްދުކޮށްފައިވާ މަސައްކަތްތައް ކުރެވޭނެ ގޮތަށް މާދެލި ހަވާލުކުރުމަށް އެ ސިޓީގައި އެދިލައްވާފައިވެއެވެ.
އަދިއެ ކުންފުނިން ކުރަން ޤަޞްދުކޮށްފައިވާ މަސައްކަތްތައް މެދުރާއްޖެ ތެރޭގެ މިފަދަރަށެއްގައި ޤާއިމު ވެގެން ދިއުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބޭނުންފުޅުވާނެ ކަމެއް ކަމަށާ، އެ ކުންފުނިން އެދިފައިވާ ކަންކަން ކުރިއަށް ގެންދިއުމަށް ފުރުޞަތު ދެއްވާއިރު ހުށަހަޅަން ޖެހޭ ޑޮކިއުމަންޓް ތަކަކީ ކޮބައިކަން އަންގަވައި ދެއްވުން އެޑޮކިއުމަންޓް ހުށަހެޅުމަށް މިކުންފުނިން ތައްޔާރަން ތިބިވާހަކަ އެ ސިޓީގައި ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި އެންމެ ފަހުން ޔޮޓްޓުއާޒްއިން ސިޓިއެއް ފޮނުއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް އެޑްރެސްކުރައްވައެވެ.
އެ ސިޓިގައި ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ދިގުމުއްދަތަކަށް މިކުންފުނިން ކުއްޔަށް ހިފާފައިވާ "ހދ. ހޮނޑައިދޫ" ސަރުކާރުގެ އެހެން ބޭނުމަކަށް ކަނޑައަޅުއްވައި، މިރަށުގެ ބަދަލުގައި މިކުންފުނިން ބޭނުންވާ ރަށެއް އެންގެވުމުން އެކަންކޮށްދެއްވާނެ ކަމުގެ ޔަޤީންކަން (އެބައްދަލުވުމުގައި) އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން (ޕާރމަނަންޓް ސެކްރެޓަރީ) ދެއްވާފައި އޮތުމުން އެ މަރުހަލާ ނުނިމި ވަނިކޮށް " ހޮނޑައިދޫ" އަށް ކިޔާރަށުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީ ކުރުމަށްޓަކައި އެރަށް މިކުންފުނީގެ ކިބައިން ވަނީ ވަކިކުރައްވައި، އެކަން ސަރުކާރުން ޢިއްލާނު ކުރެއްވުމަށްފަހު ފާއިތުވެދިޔަ 3 މަސް ދުވަހުގެ މުއްދަތުގައި މިކުންފުންޏަށް ބަދަލުގައި އެހެން ރަށެއް ދެއްވުމުގެ ކަންކަން ހަމަޖެހިފައި ނުވާކަން ފާހަގަ ކުރެއްވިއެވެ.
އަދި އަރިޔަދޫ ނުލިބޭ ނަމަ ދެން އެކުންފުނިން ބޭނުންވާ ރަށަކީ "ދ. މާދެލި" ކަން ސިޓީން ދެންނެވިފާއިރު، އެކަމާއި މެދު ގޮތެއް ހަމަނުޖެހި ދުވަސްތައް ދިގުލައިގެންދަނީ އެކަމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ނިންމަންޖެހޭ ނިންމުންތަކެއް ނުނިމިގެން ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ހދ. ހޮނޑައިދޫގެ ބަދަލުގައި ދ.މާދެލި" މިކުންފުންޏަށް ލިބޭނެގޮތުގެ މަތިން ތިޔަ މިނިސްޓްރީން ނިންމަވަންޖެހޭ ކަންތައްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމެވުމަށް ވަނީ އެދިލައްވާފައެވެ.
އަދި މިހާރު މިޤައުމަށް ކުރިމަތިވެފައިވާ "ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި" ފަތުރުވެރިކަމުގެ ސިނާޢަތް ދިގު މުއްދަތަކަށް ހުއްޓިފައި އޮންނަހިނދު، ރާއްޖޭގެ އެހެން ސިނާޢަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވިސްނަވާފައިވާ އޮތް އޮތުމުގެ މައްޗަށް "ދ. މާދެލި" އަވަސް މުއްދަތެއްގައި އެ ކުންފުންޏާއި ޙަވާލުކޮށް ދެއްވައިފިނަމަ، އެރަށުގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތް އެހިނދުން ފެނިގެން ފެއްޓުމަށް މިކުންފުނިން ބޭނުންވާކަމަށް އެ ސިޓީގައި ވެއެވެ.
އެއީވެސް އެތައް ބައެއްގެ ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަކަށްވާތީ، މިސިޓީއަށް އަވަސް ފިޔަވަޅު އަޅުއްވައި، "ދ. މާދެލި" މިކުން ފުންޓާއި ޙަވާލު ކުރުމާއި
! ގުޅޭގޮތުން ތިޔަމިނިސްޓްރީން ނިންމަންޖެހޭ ކަންކަން ނިންމަވައި އެކަން، ފިޝަރީޒް މިނިސްޓްރީއަށް އަންގަވައި ދެއްވުން އެދި ވަނީ ދަންނަވާފައެވެ.
ހޮނޑައިދޫގެ ބަދަލުގައި ސަރުކާރުން ދޭން ވައުދުވި ރަށް ނުލިބި ލަސްވާތީ، ޖާބިރު ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ