ވައި ނުސާފުވެ ނިއުދިއްލީގެ 1،800 ޕްރައިމެރީ ސްކޫލް ބަންދުކޮށްފި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވައި ވަރަށް ބޮޑަށް ނުސާފުވުމުގެ ސަބަބުން 1،800 ޕްރައިމެރީ ސްކޫލް ބަންދުކޮށްފިއެވެ.
އޮފިޝަލުން ވިދާޅުވަނީ، ނިއުދިއްލީއަށް މިހާރު ކުރިމަތިވެފައިވާ ވައި ނުސާފުވުމުގެ މައްސަލައަކީ މިފަހުގެ ތާރީޚެއްގައި ދިމާވި އެންމެ ބޮޑު މައްސަލަ ކަމަށެވެ.
ނިއުދިއްލީގެ މުނިސިޕަލްޓީން ހިންގާ 1،800 ސްކޫލް ބަންދުކުރުމުގެ ސަބަބުން 9 ލައްކައަށްވުރެ ގިނަ ކުދިންގެ ކިޔެވުމަށް އަސަރު ކުރާނެ ކަމަށް ވެއެވެ.
އިންޑިއާގައި މިދިޔަ ހަފްތާ ބަންދުގައި ފާހަގަކުރި ދީވާލީގައި ކުރިއަށްދިޔަ ހަވާ އެރުވުންތަކާއި ބަޑިބޭހުގެ ކުޅިވަރުތަކަށްފަހު ނިއުދިއްލީގެ ޖައްވު އަދިވެސް އޮތީ ބޯދުމުން ފުރިފައި ކަމަށް ވެއެވެ.
ނިއުދިއްލީގައި ޕްރައިމެރީ ސްކޫލްތައް ހިންގާ މުނިސިޕަލް ކޯޕޮރޭޝަންގެ ތަރުޖަމާނު ޔޮގެންދްރަ މަން ވިދާޅުވީ، މިއަދުން ފެށިގެން ސްކޫލްތައް ބަންދުކުރީ ކަމަށާއި ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭވަރުވާނީ އަންނަ ހޯމަދުވަހު ކަމަށެވެ.
އިންޑިއާގެ ގިނަ ސްކޫލްތަކުގައި ހަފްތާއަކު ހަދުވަހު ކިޔަވައިދެއެވެ. އެކަމަކު ހޮނިހިރު ދުވަހަކީ އާންމު ގޮތެއްގައި ހާފްޑޭ އެކެވެ. ނުވަތަ ބައި ދުވަހު ކިޔަވައިދޭ ދުވަހެކެވެ.
ޑީސަލް އިންޖީނާއި، ބޯޓުދެލި އަންދައިގެން ހިންގާ އިންޖީނުތަކާއި ސިނާއީ އެހެނިހެން މަސައްކަތްތަކުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ދުމުގެ ސަބަބުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ވައި ވަރަށް ބޮޑަށް ނުސާފުވުގެ މައްސަލަ ކުރިމަތިވެފައިވާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
ވައި ނުސާފުވުމުގެ އިތުރުން، ވައިގެ ތެރޭގައި ހިރަފުސް ބޯވުމާއި، މޫސުމީ ފިނިން ސަލާމަތްވުމަށް ފަގީރުން އަލިފާން ރޯކުރުމާއި ކެއްކުމަށް އަލިފާން ރޯކުރުމާއި އެނޫންވެސް ބޭނުންތަކުގައި އަލިފާން ރޯކުރުމުގެ ސަބަބުން އަރާ ދުމުންވެސް ވެރިރަށުގެ ޖައްވުވަނީ ކިލަނބު ވެފައެވެ.
މިކަމާހެދި ނިއުދިއްލީގެ ވައިގެ ނުސާފުމިންވަރު ބެލުމަށް އިލެކްޓްރޯނިކް އާލާތްތައްވެސް މަގުތަކުގައި މިހާރު ހަރުކުރަން ފަށާފައި ވެއެވެ. އެގޮތުން، ނިއުދިއްލީގެ އެއް އަވަށެއްގެ ވައިގެ ނުސާފުމިން 1،000 މައިކްރޯގްރާމަށް އަރާފައިވާ ކަމަށް ވަނީ ދައްކާފައެވެ. މިއީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައި އޮންނަ މިންގަނޑަށްވުރެ 10 ގުނަ މަތީ މިންވަރެކެވެ.
އިންޑިއާ މައި ސަރުކާރުގެ އެންވަޔަރަންމެންޓް މިނިސްޓްރީން މިހާރު ދަނީ، ވައި ނުސާފުވުމުގެ މައްސަލާގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނިއުދިއްލީއާއި އަވަށްޓެރި ސްޓޭޓްތަކުގެ އޮފިޝަލުންގެ ބައްދަލުވުމަކަށް ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ