ރިޔާސީ ކެންޑިޑޭޓްކަން ތަބަކަކަށް ލާފައި ވަހީދަކަށް ވެސް ނުދެވޭނެ: އާރިފް، މަހްލޫފް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރެއްވުމުގެ ފުރުސަތު "ތަބަކަކަށް ލާފައި" ރައީސް މުހައްމަދު ވަހީދަށް ވެސް އަދި އެހެން ބޭފުޅަކަށް ވެސް ނުދެވޭނެ ކަމަށް އެ ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ. ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ރައީސް ވަހީދު ވާދަކުރައްވަފާނެ ކަމަށް ބައެއް މީހުން ލަފާކުރާ އިރު، ދިޓީވީގެ ޕްރޮގްރާމެއްގައި، ޕާޓީގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ ދެ މެމްބަރުން ވިދާޅުވީ "ރިޔާސީ ކެންޑިޑޭޓްކަން ތަބަކަކަށް ލާފައި ހަވާލުކުރުމުގެ" ނަތީޖާ ފެނިފައިވާ ކަމަށެވެ. ޑީއާރްޕީން ވަކިވުމުގެ ކުރިން އެ ޕާޓީން ފެނުނު އެ "ހިތިކަން" ދެ ވަނަ ފަހަރަށް ޕީޕީއެމުން ތަޖުރިބާ ނުކުރާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އޭނާ އެ އިޝާރާތްކުރެއްވީ ޑީއާރުޕީގެ ލީޑަރަށް އޮޓޮމެޓިކުން ރިޔާސީ ކެންޑިޑޭޓް ލިބޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި އޮތުމުން އެ ފުރުސަތު އަހުމަދު ތަސްމީން އަލީ އަށް ލިބިވަޑައިގަތުމުގެ ވާހަކަ އަށެވެ. މަހްލޫފް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވިދާޅުވެފައިވާ ގޮތަށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ރިޔާސީ ޕްރައިމަރީން ކާމިޔާބު ހޯއްދަވާ ކެންޑިޑޭޓެކެވެ. އެ ޕާޓީގެ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ހަމަހަމަ ފުރުސަތު އެކަމަށް ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އޮތްކަން އާރިފް އާއި މަހްލޫފް ފާހަގަކުރެއްވި އެވެ. "ރިޔާސީ ކެންޑިޑޭޓަކަށް މިވަނީ ޕީޕިއެމްގެ ރިޔާސީ ޕްރައިމަރީ ވިންކުރާ މީހާ. އެއީ އަސާސީ ގަވާއިދުގައިވާ ގޮތް. އޭގެ ބޭރުން އެހެން މީހަކަށް ތާއީދުކުރުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް. މި ޕާޓީގައި އެބަތިބި [ރިޔާސީ ކެންޑިޑޭޓް ކަމަށް ވާދަކުރެއްވޭނެ] ގާބިލް ބޭފުޅުން،" މަހްލޫފް ވިދާޅުވި އެވެ. ކޯލިޝަން ސަރުކާރު ހިންގަން ތާއީދު ނުކުރާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕާޓީތަކުން އިއްތިހާދުވެގެން އެއް ކެންޑިޑޭޓަކު ނެރުމަށް ވުރެ، މަސްލަހަތު ބޮޑު ގޮތަކީ ފުރަތަމަ ބުރުގައި ޕާޓީތަކުން ވަކިވަކިން ވާދަކުރުން ކަމަށެވެ. ރައްޔިތުންގެ އެންމެ ތާއީދު ބޮޑު ކެންޑިޑޭޓަކު ކަނޑައެޅޭނީ އޭރުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ހަގީގަތަކީ ކޯލިޝަން ސަރުކާރުތަކަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ސްޓޭބަލްކޮށް ހިންގޭނެ އެއްޗެއް ނޫން. ސްޓޭބަލް ނުވުމުގެ ސަބަބުން ރައްޔިތުންނަށް އޭގެ ނުރަނގަޅު އަސަރުތައް ކުރޭ. އެހެންވީމާ އެއް ޕާޓީއަކުން ވެރިކަން ކުރެވިއްޖިއްޔާ އެންމެ ރަނގަޅީ،" އާރިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވާދަވެރި ޕާޓީތައް ރައީސް ވަހީދުގެ ސަރުކާރާ އެކު ތިބުމަކީ އާދަޔާހިލާފު ކަމެކެވެ. ހިތްހަމަނުޖެހޭ އެތައް ކަމެއް މެދުވެރިވި ނަމަވެސް ވަރަށް ބޮޑަށް ދޫދީގެން ޕީޕީއެމް ވެސް ސަރުކާރު ކޯލިޝަންގައި އޮތީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަހްލޫފް ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމަށް ސަރުކާރުން ގޮތެއް ނިންމުން ލަސްވާތީ އެކަމާ ޕިޕީއެމް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ މަގާމްތައް ޕާޓީތަކަށް ބެހުމުގައި ޕަސެންޓޭޖް ހަމަޖައްސާފައިވާ ގޮތުން ރައްޔިތުންނަށް ހިދުމަތްކުރަން ޕީޕީއެމަށް ފުރުސަތު ކުޑަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިގްތިސާދީ ހާލަތާ މެދު ވެސް ޕީޕީއެމް ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ. އާރިފް ވިދާޅުވީ މައްސަލަތަކެއް ހުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކަށް، ސަރުކާރު ދަމަހައްޓައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަތީ ޕީޕީއެމް ދެމިއޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ