ރައީސް ކަމަށް ކުރިމަތިލާ އުމުރަށް ބަދަލު ގެނައުމުގެ އިސްލާހަށް ތާއީދު ކޮށްދިނުމަށް ގާސިމް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް، ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ. ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު ވެސް އެކަން ކަށަވަރުކޮށްދެއްވި އެވެ. އޭނާ މިރޭ "ހަވީރަ"ށް ވިދާޅުވީ ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަކީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް، ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ކޮށްދިނުމަށް ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންނަށް އެސްއެމްއެސްގެ އިތުރުން ފޯނުން ގުޅުއްވައި ވެސް އެދިވަަޑައިގެންފަ އެވެ. ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި އެ އިސްލާހުގެ ބިލް ވަނީ މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ. ބިލް ބަލައިގަތުމަށް 44 މެމްބަރަކު ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވި އެވެ. މި އިސްލާހަށް ޖޭޕީގެ މެމްބަރުންގެ ތާއީދު ލިބިއްޖެ ނަމަ، އެއީ އިސްލާހު ފާސްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ: ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަން ގާސިމް ތާއީދު ކުރައްވާ.---ފައިލް ފޮޓޯ: މަޖިިލިސް ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ނަމަ އެކަމަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ. އެއީ މަޖިލީހުގައި މިހާރު ތިއްބެވި 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންނެވެ. ޕީޕީއެމް/އެމްޑީއޭގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 48 އެކެވެ. ޖުމްހޫރީ ޕާޓީގެ 11 މެމްބަރުންނާއި ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންގެ އަދަދު އެއްކޮށްލުމުން ހަމަވަނީ 59 މެމްބަރުންނެވެ. އިސްލާހު ފާސްކުރަން އިތުރަށް ފަސް ވޯޓު ބޭނުންވާނެ އެވެ. އިސްލާހު ހުށަހެޅުއްވި، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް މަޖިލީހުގެ މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ނ) އަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފެންވަރުގެ ގާބިލް، އުފެއްދުންތެރި ޒުވާނުން ތިބިއިރު، އެފަދަ ޒުވާނުންނަށް އެކަމަށް ހިތްވަރު ދިނުމަށް ކަމަށެވެ. އަދި ޕެންޝަނާ ބެހޭ ގާނޫނުގައި އަސާސީ ޕެންޝަން ލިބެންޖެހޭ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައަޅާފައި އޮތުމާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކީ ބުރަ އަދި އެހާމެ ޒިންމާދާރު ވަޒީފާއެއް ކަމަށް ވާތީ، އެ އިސްލާހު ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަކީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް، ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ކޮށްދިނުމަށް ގާސިމް، އޭނާގެ ޕާޓީގެ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަަޑައިގެންނެވިއިރު، އެ އިސްލާހުގެ އެއްބައި އަމާޒުވަނީ ގާސިމަށް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެގޮތުން އުމުރުން 65 އަހަރު ވުމުން ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް އިސްލާހު ގެންނަނީ ގާސިމް ވާދަނުކުރެއްވޭ ގޮތް ހަދަން ކަމަށް އިދިކޮޅު ސިޔާސީ މީހުން ގަބޫލުކުރެ އެވެ. އަދި 30 އަހަރަށް ދަށްކުރަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ނައިބު ރައީސްކަމުގެ މަގާމު ދޭން ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ކުރީގެ ރައީސް ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް ސަމާސާ ކުރައްވަނީ: އިދިކޮޅު ހަރަކާތުގައި ޖުމްހޫރީ ޕާޓީން ރަސްމީކޮށް ބައިވެރިއެއް ނުވޭ.--- ހަވީރު ފައިލް ފޮޓޯ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގެނައުމުގައި އިސްދައުރެއް އަދާކުރި ޖުމްހޫރީ ޕާޓީން ވަކި ހިސާބަކުން، ސަރުކާރު ކޯލިޝަނުން ވަކިވެ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ފެށި އެވެ. އަދި ސަރުކާރާއި ގާސިމާ މެދު ސިޔާސީ ގޮތުން ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދުމަށް ފަހު، މިހާރު ވަނީ އެއްގަލަކަށް އަރާ ހިސާބުގައި ކަމަށް، ފެންނަ މަންޒަރުތަކުން ދޭހަވެ އެވެ. އެގޮތުން ސަރުކާރުން އިސްވެ މަޝްވަރާއަށް ގޮވައިލުމުން، އެއްވެސް ޝަރުތެެއް ނެތި އެކަމަށް އިޖާބަދިން ހަމައެކަނި ޕާޓީއަކީ ޖުމްހޫރީ ޕާޓީ އެވެ. މީގެ އިތުރުން އިދިކޮޅު އެމްޑީޕީ/އަދާލަތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން ބައިވެރި ނުވުމަށް ވެސް ގާސިމް އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ