އިންޑިއާގައި މެގީ މަނާކުުރަން ސަރުކާރުން ނެރުނު އަމުރު ކޯޓުން ބާތިލްކޮށްފި

ނިއު ދިއްލީ (އޮގަސްޓް 13) - އިންޑިއާގައި މެގީ ނޫޑްލްސް ކުރަން ސަރުކާރުން ނެރުނު އަމުރު މުމްބާއީ ހައި ކޯޓުން މިއަދު ނިމުމަކަށް ގެނެސްފި އެވެ. އާންމުންގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މެގީ ނޫޑްލްސް ވިއްކުން މިދިޔަ ޖޫން މަހު އިންޑިއާ ސަރުކާރުން މަނާކުރީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ބައެއް މާއްދާތައް އެ ނޫޑްލުހުގައި ހުރި ކަމަށް ބުނެ އެވެ. މެގީ ނޫޑްލްސް އުފައްދާ ސްވިޓްޒަލޭންޑްގެ ނެސްލޭ ކުންފުނިން އެ މައްސަލަ މުމްބާއީ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ނިންމީ މެގީ ނޫޑްލްސް ވިއްކުން މަނާކުރީ އަދުލު އިންސާފުގެ ހަމަތަކާ ޚިލާފަށް ކަމަށެވެ. އެހެންވެ މެގީ ވިއްކުން މަނާކުރުމަށް ފޮނުވި ނޯޓިސް ވަނީ ބާތިލްކޮށްފަ އެވެ. މެގީ ވިއްކުން އިންޑިއާގައި ހުއްދަ ކުރިޔަސް އެ ނޫޑްލްސް ބާޒާރަށް ނެރުމުގެ ކުރިން އިތުރު ތަހުލީލުތައް ކުރަން ނެސްލޭ ކުންފުންޏަށް ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެގޮތުން އެ ނޫޑްލްސްގެ ކޮންމެ ބެޗަކުން ވެސް ފަސް ސާމްޕަލް ތަހުލީލުކުރަން ފޮނުވުމަށާއި އެ ތަހުލީލުތަކުން އޭގައި އެއްވެސް މައްސަލައެއް ނެތްތޯ ކަށަވަރުކުރަން ހައި ކޯޓުގެ ހުކުމުގައި ވަނީ އަންގައިފަ އެވެ. މެގީ ވިއްކުން އިންޑިއާގައި މަނާ ކުރުމާ ގުޅިގެން ނެސްލޭ ކުންފުންޏަށް 50 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވަނިކޮށެވެ. މުމްބާއީ ހައި ކޯޓުގެ ނިންމުން އެގޮތަށް އަޔަސް ވިޔަފާރީގެ އާންމު އުސޫލުތަކާ ޚިލާފްވި ކަމަށް ބުނެ ބަދަލެއްގެ ގޮތުން 100 މިލިއަން ޑޮލަރު ނެސްލޭގެ ކުންފުނި އަތުން ހޯދަން ދައުވާކުރަން އިންޑިއާ ސަރުކާރުން އިއްޔެ ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ