ގުޖުރާތުގައި ވޯޓުލުން މަޖުބޫރު ކުރުން ކޯޓުން ހުއްޓުވައިފި

ގުޖުރާތު (އޮގަސްޓް 22) - އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި ވޯޓުލުން މަޖުބޫރުކޮށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރަން އެ ސްޓޭޓްގެ ހައި ކޯޓުން އަމުރުކޮށްފި އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ގުޖުރާތުގައި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިންތިޚާބުތަކުގައި މަގްބޫލު އުޒުރެއް ނެތި ވޯޓު ނުލުމަކީ 100 ރުޕީސް އިން ޖޫރިމަނާ ކުރެވޭނެ ކަމެކެވެ. ގާނޫނަށް އެ ގޮތަށް އިސްލާހު ގެނެސްފައި ވަނިކޮށް، އެއަށް އަމަލުކުރުން ފަސްކުރަން ގުޖުރާތުގެ ހައި ކޯޓުން އެންގީ އެ އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފް އިސްލާހެއް ކަމަށް ބުނެ ވަކީލަކު ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެ އިސްލާހަށް އަމަލުކުރުން ކޯޓުން ހުއްޓުވިއިރު އެ ސްޓޭޓްގެ ލޯކަލް އިންތިޚާބު އަންނަ އޮކްޓޫބަރު މަހު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ވާ އިންޑިއާގެ ސްޓޭޓެއްގައި ވޯޓުލުން މަޖުބޫރު ކުރިއިރު އެކަމަކީ ބޮޑުވަޒީރު މޯދީ ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމެކެވެ. ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް މޯދީ ހުންނެވިއިރު ވެސް އެކަމަށް މޯދީ މަސައްކަތް ކުރެއްވި އެވެ. އިންޑިއާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 551 މިލިއަން މީހުން ތިބިއިއރު އެ ގައުމުގައި އާންމު އިންތިޚާބެއް ދެން އޮންނާނީ 2019 ވަނަ އަހަރު އެވެ. ވޯޓުލުން މަޖުބޫރުކޮށް އިންޑިއާގެ ސްޓޭޓެއްގައި ގާނޫނު ހަދާފައިވާއިރު އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ކަމުދާ ކެންޑިޑޭޓަކު ނެތް ކަމަށް ބުނެ ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭ ގޮތަށް އެ ކަރުދާހުގައި ގޮޅިއެއް ބަހައްޓަންޖެހޭ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ކުރިން ވަނީ ނިންމައިފަ އެވެ. އެ ކޯޓުން ބުނީ އެގޮތަށް އަމަލު ކުރުމުން ރަނގަޅު ކެންޑިޑޭޓުން ނެރެން ޕާޓީތަކަށް މަޖުބޫރު ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ