ނައިބު ރައީސް އަދީބާއި ޒިޔަތުގެ ބަންދުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި
ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބާއި ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އަބްދުﷲ ޒިޔަތު ތަހުގީގަށް ބަންދުގައި ބައިތިއްބަން ނެރުނު އަމުރު އިސްތިއުނާފް ކުރަން ދެ ބޭފުޅުންގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން މިއަދު ބަލައިގެންފި އެވެ. ރިޔާސީ ލޯންޗްގައި ސެޕްޓެމްބަރު 28 ވަނަ ދުވަހު އެއްޗެއް ގޮއްވާލައި، ރައީސް އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަދީބު ބަންދަށް ކޯޓުން 15 ދުވަސް އިތުރުކޮށްދީފައިވާއިރު އަދީބުގެ ގާތް ބޭފުޅެއް ކަމަށްވާ ޒިޔަތުގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ. ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ޒިޔަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް(އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރެވެ. އެމްއެމްޕީއާރުސީގެ ބައްދަލުވުމެއްގައި ޒިޔަތު ވާހަކަ ދައްކަވަނީ. -ހަވީރު ފައިލް ފޮޓޯ އެ ދެ ބޭފުޅުންގެ ފަރާތުން ބަންދުގެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައިވާކަން ހައި ކޯޓުން ވަނީ ކަށަވަރުކޮށް ދީފަ އެވެ. ނައިބު ރައީސް އަދީބު ހައްޔަރުކޮށްފައިވާއިރު އެމަނިކުފާނާ ގާތް ގުޅުމެއް އޮންނަ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ވެސް އެ މައްސަލައާ ގުޅިގެން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވެސް 15 ދުވަސް ވަނީ އިތުރުކޮށްފަ އެވެ. އަދީބާ ގުޅުންހުރި ގިނަ ތަންތަން ފާސްކުރަމުންދާއިރު ބ. ހިބަޅިދޫ އިން އިއްޔެ އަތުލައިގަތް ހަތިޔާރުތަކާ އަދީބާ ގުޅުންހުރި ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ