ކުރީގެ މެމްބަރު ނާޒިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް

ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކޮށްފައިވާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް، ބޭސް ފަރުވާއަށް ސިންގަޕޫރަށް ރޭ ފުރާވަޑައިގެންފި އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ސިންގަޕޫރަށް ވަޑައިގަތުމަށް ނާޒިމަށް ހުއްދަ ދިނީ ދެ ހަފުތާއަށެވެ. މިއީ ހުކުމް ކުރެއްވި ފަހުން އޭނާ ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ހުއްދަ ދިން ފުރަތަމަ ފަހަރެވެ. އެކަމަކު ބަލިވެގެން ދެ ފަހަރަކު މީގެ ކުރިން ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ. އެންމެ ފަހުން އެޑްމިޓްކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އޭރު ބުނީ ނާޒިމް ފަރުވާ ހޯއްދެވީ ނާރުގެ ބަލިތަކާއި ޔޫރިން މައްސަލައަކަށް ކަމަށެވެ. ސުޕްރީމް ކޯޓުން ނާޒިމްގެ މައްޗަށް 25 އަހަރުގެ ހުކުމެއް ކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، ނާޒިމް މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން ބިޑް ކާމިޔާބުކުރި ކަމުގެ ކުށުގަ އެވެ. އެ މުއާމަލާތުގެ އަގު ކަމަށް ވާ 1.4 މިލިއަން ރުފިޔާއަކީ ނިވާފަތްގަނޑަކަށް ކުންފުނި ބޭނުންކޮށްގެން މަކަރާއި ހީލަތުން ނާޒިމް ހޯއްދަވާފައިވާ އެއްޗެއްކަން ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާފުކޮށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބެއްލެވި މައްސަލައިގެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ